ޚަބަރު ސަރުކާރު

އެމްއޭސީއެލްގެ ހަރަދުތައް ކުޑަކުރަނީ، މުވައްޒަފުން ވަތްކެއް ނުކުރާނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްއޭސީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ފޮޓޯއެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ހަރަދުތައް ކުޑަކުރަން ނިންމި ނަމަވެސް ކުންފުނީގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރާއްޖޭގެ އިގްތިޞާދު އަޑި އަޅާލާފައިވާ މި ދަނޑިވަޅުގައި އެމްއޭސީއެލްއިން ހަރަދުތައް ކުޑަކުރަން ނިންމައި އަޅަން ގަސްތުކުރާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ އެމްއޭސީއެލް ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އޭގެ ސަބަބުން އެއްވެސް މުވައްޒަފަކަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. އެގޮތުން މުވައްޒަފުން ވަކި ކުރުމާއި މުސާރަ އުނި ކުރުންފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު މިފަދައިން ވިދާޅުވިއިރު އެމްއޭސީއެލްއިން އެތައް މުވައްޒަފުންނެއް ވަކިކުރަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ އަޑު ފަތުރަމުންނެވެ. އެހެންނަމަވެސް ޝަރީފު ވިދާޅުވީ އެފަދައިން މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އޭގެ ބަދަލުގައި އެ ކުންފުނީގެ މަސައްކަތްތައް އެންމެ ފުރިހަމަކަމާއެކު ކުރިއަށް ގެންދިޔުމަށް އަދިވެސް އިތުރު މުވައްޒަފުން ބޭނުންވެ އެވެ. އެމްއޭސީއެލްއިން އަޅަން ނިންމާފައިވާ އައު ޓާމިނަލަށްވެސް މިހާރު ތިބި މުވައްޒަފުންގެ އަދަދުން 15 ނޫނީ 20 އިންސައްތަ އިތުރު މުވައްޒަފުން ބޭނުންވާކަން ޝަރީފު ފާހަގަކުރެއްވި އެވެ.

މިހާރު ދެމުން ގެންދާ މުސާރައިގެ އިތުރުން އިނާޔަތްތަކަށްވެސް ނޭދެވޭ އެއްވެސް ބަދަލެއް ނުގެންނާނެކަމަށް ޝަރީފު ވިދާޅުވި އެވެ. އަލަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އައު ޓާމިނަލް އެޅުމަށް ހުރަހެއް ކުރިމަތި ނުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސްފައިވާތީ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުންވެސް ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!