ޚަބަރު

ލަންކާއިން ފެންވަރު ރަނގަޅު ޓީޗަރުން ރާއްޖެއަށް ބޭނުންވޭ: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ލަންކާގެ އާ ސަފީރާއެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

އަވަށްޓެރި ސްރީލަންކާއިން ފެންވަރު ރަނގަޅު ޓީޗަރުން ރާއްޖެއަށް ގެނައުން ބޭނުންތެރިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައީސް އެހެން ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަދެނާއާ އެކު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުގައި ޝާއިއުކުރި ހަަބަރެއްގައި ބުނީ، އެ ބައްދަލުވުމުގައި ތައުލީމީ ދާއިރާއިން ލަންކާގެ އެހީތެރިކަން ބޭނުންވާކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށެވެ.

"އަދި ވަކިން ހާއްސަގޮތެއްގައި ފެންވަރު ރަނގަޅު ޓީޗަރުން ރާއްޖެއަށް ގެނައުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ" ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއަށް ބޭނުންވާ އިތުރު ޓީޗަރުންނާއި ޑޮކްޓަރުން ލަންކާއިން ހޯދަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދާދި ފަހުން އެގައުމަށް ކުރި ރަސްމީ ދަތުރުގައި ވަނީ އެދިވަޑައިގެންފަ އެވެ.

ނިމިދިޔަ އަހަރު ރާއްޖޭގައި 1،800 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތް ކުރި އެވެ. އެ މީހުންނަށް މުސާރަ ދިނުމަށް ދައުލަތުން 350 މިލިއަނެއްހާ ރުފިޔާ އަހަރަކު ހަރަދު ކުރެ އެވެ. އެހެންކަމުން ސަރުކާރުން ވަނީ ދިވެހި ޓީޗަރުން ގިނަކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

ނަމަވެސް މި އަހަރުގެ އާ ދިރާސީ އަހަރު ފެށުނު އިރު ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންގެ އަދަދަށް ދިވެހި ޓީޗަރުން ހަމަނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މަދުވާ ޓީޗަރުން ހަމަކުރަން ބޭރުގެ ރެކްރޫޓްމަންޓް ޕްރޮސެސްއެއް ފެށި ކަމަށް މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!