ޚަބަރު

އުމްރާގައި ހުއްޓައި ހާލު ދެރަވި މީހާ ރާއްޖެ ގެންނަން އެމްބަސީން އެހީވަނީ

އުމްރާގެ އަޅުކަމަށް މައްކާގައި ހުރި ދިވެއްސެއްގެ ހާލު ދެރަވުމުން އޭނާ ރާއްޖެ ގެނައުމަށް ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން އެހީތެރިވަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އުމްރާގައި ހުއްޓައި އަނިޔާވެފައި ވަނީ ތ. ގުރައިދު އަށް ނިސްބަތްވާ އުމުރުން 79 އަހަރުގެ ހައްވާ އަލީ އަށެވެ. އޭނާ އުމްރާގެ އަޅުކަމުގައި ހުއްޓައި ވެއްޓި، ފައިގެ ބައެއް ކަށިތަކުގައި ވަނީ ރެނދު ލައިފަ އެވެ. ހައްވާގެ އާއިލާއިން ދަނީ އޭނާގެ މާލެ ގެނައުމަށް އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސައުދީގައި ހުންނަ ރާއްޖޭގެ ސަފީރު، ހައްވާ އާއި އޭނާގެ އާއިލާއާ ބައްދަލު ކޮށްފައިވާ ކަމަށާއި އޭނާ ރާއްޖެ ގެނައުމަށް އެމްބަސީން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.

ޔަލަމްލަމް ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިޔަ ހައްވާ ރާއްޖެ ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މުއާމަލާތް ކުރަމުންދާ ކަމަށް އެ ޖަމާއަތުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ބަލި މީހަކު ގެނެވޭނެ މިންވަރުގެ ޖާގަ އެއާލައިނުން ލިބުމުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!