ގާދިއްފުށި ފެނަކައަށް އައު މެނޭޖަރެއް ނެގީ ކުރިން ހުރި މެނޭޖަރުގެ މަގާމު ބަދަލުކުރުމަށްފަހު

ފެނަކަ ކޯޕަރޭޝަންގެ ތ. ގާދިއްފުށި ބްރާންޗަށް އައު މެނޭޖަރެއް ނެގީ ކުރިން އެމަގާމުގައި ހުރި މީހާ އެހެން މަގާމަކަށް ބަދަލުކޮށް އެކަން އޭނާއަށް އެންގުމަށްފަހު ކަމަށް އެކުންފުނިން ބުނެފި އެވެ.
މިމައްސަލައާއި ގުޅިގެން ބައެއް މީޑިއާތަކުން ގެނަސްދީފައިވާ މައުލޫމާތުތަކުގައި ވާގޮތުން ގާދިއްފުށީ ފެނަކަ ބްރާންޗަށް އައު މެނޭޖަރަކު އައްޔަނު ކުރީ އެމަގާމުގައި އިތުރު މީހަކު ހުއްޓަ އެވެ. އަދި މިއީ ސިޔާސީ ބޭނުމަށް ކުރި ކަމެއްކަމަށްވެސް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.
މިމައުލޫމާތުތައް ދޮގުކޮށް ފެނަކައިން މިއަދު ބުނީ ކުރިން މެނޭޖަރުގެ މަގާމުގައި ހުރި މީހާއަށް އޭނާ އެމަގާމުން ވަކިކޮށް އާ މަގާމަކަށް ބަދަލުކޮށްފައިވާކަން އަންގާފައިވާނެ ކަމަށެވެ.
“ތ. ގާދިއްފުށި ބްރާންޗު ހިންގުމަށް އައު މެނޭޖަރެއް ހަމަޖައްސާފައިވަނީ އުސޫލުތަކުގެ ތެރެއިން, ކުރިން ހުރި މެނޭޖަރުގެ މަގާމު ބަދަލުކޮށް އެކަން އެފަރާތަށް އެންގުމަށްފަހުކަން ހުރިހާ މީޑިއާތަކާއި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ” ފެނަކައިން ބުންޏެވެ.
އެކުންފުނިން ބުނީ ހެދުފައިހުރި އުސޫލުތަކުގެ ތެރެއިން މަގާމުތަކަށް ބަދަލު ގެނައުމަކީ ކުރީއްސުރެއް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މަގާމުތަކަށް ބަދަލު ގެންނަނީ ކުންފުނި ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.
ފެނަކައިން ބުނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަ ނަމަވެސް އެކަން ކުރާނީ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.