ޚަބަރު ސިޔާސީ

ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށްލައި, ކައުންސިލަރުން މަދުކުރަނީ

  • މަޖިލިސް އިންތިހާބު ބާއްވާނީ ރިޔާސީ އިންތިހާބާއެކު
  • 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ
  • ކައުންސިލް މެމްބަރުންގެ އަދަދުވެސް މަދުކުރަން ހުށަހަޅާނެ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ދެން

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލައި, ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމައިފި އެވެ.

Ads by STELCO

ޕީޕަލްސް ނެޝަނަލް ކޮންގްރެސް, ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދެމެދު ހޭދަވަނީ ގާތްގަނޑަކަށް ހަ ވަރަކަށް މަސް ދުވަސް ކަމަށެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 120 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި ރިޔާސި އިންތިހާބުގެ ދެ ބުރަށް 180 މިލިއަން ރުފިޔާ ހަރަދުވިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

“ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރިޔާސީ އިންތިހާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގަ ބޭއްވުން”

ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިފިނަމަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަރަދުވާ 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ސަރުކާރަށް ނިންމައިދެވޭނެ ކަމަށާއި ކުޑަ ރަށެއްގެ އާބާދީ އެއްކޮށް ބޮޑު ރަށަކަށް ދާއިމަށް ބަދަލުކުރަން ބެލި ކަމުގައި ވިޔަސް އެފައިސާއިން އެކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ އެންމެ މަތީ ބާރަށް ބޭފުޅަކު އިންތިހާބު ކުރުމާއިއެކު ދާއިރާގެ މެމްބަރު އިންތިހާބު ކުރަން އެއް ބުރުން ވޯޓު ލާނަމަ އެއީ ރައްޔިތުންނަށްވެސް އެކަމުން ލުއި ފަސޭހަތަކެއް ލިބޭނެ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެ ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

“ރައްޔިތުން މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނު އަސާސީއަށް އެ އިސްލާހު ގެނެސް ދެން 2028 ގަ މި ދެ އިންތިހާބު އެކުއެކީގަ ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގަ އެންމެ ރަނގަޅު ގޮތް”

މީގެ އިތުރުން ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ކައުންސިލްތައް މިހާރު އޮތީ ނުކަތާހާ ބޮޑުކޮށް ކަމަށާއި ސައިޒު ކުޑަ ކުރުމަކީ ރައްޔިތުން ތަމްސީލު ކުރާ ކުރުން ނެތިކޮށްލުން ނޫންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހާހެއް ނުވަތަ ދެހާހެއްހާ މީހުންގެ އާބާދީއަކަށް ކައުންސިލަރުންގެ ގޮތުގައި ފަހެއް ނުވަތަ ހަ މީހުން އިންތިހާބު ކުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއްކަމަށެވެ. އާބާދީ ކުދި ރަށްތަަކުގެ ކައުންސިލްތަކަށް ރައީސަކާއި ނައިބު ރައީސަކު ހުންނެވީމައި ފުދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

“އަދި އާބާދީގޮތުން އެއަށްވުރެއް ތަންކޮޅެއް ބޮޑެތި ރަށްތަކަށް އެއަށްވުރެއް އަދަދު ބޮޑުކޮށްލިޔަސް އަދި ސިޓީތަކަށް އެއަށްވުރެއް ތަންކޮޅެއް ބޮޑުކޮށްލި ކަމުގައިވިޔަސް މިހާރަށްވުރެއް އެތައް ގުނައަކުން ސައިޒު ކައުންސިލްތަކުގެ ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްޔިތުންގެ ވިންދާ ގުޅޭގޮތް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން”

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގާނޫނުތަކަށް މި އިސްލާހުތައް ގެންނަން މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. 

މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހޭދަތަކަށް ރަނގަޅު ބަދަލެއް އަންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ފައިސާއިން ގެދޮރު ބިނާ ކުރުމާއި, ތައުލީމާއި, ސިއްހީ ފަރުވާ ދިނުން ނުވަތަ މިސްކިތްތައް އެޅުންފަދަ ކަންކަމަށް ހޭދަކުރެވޭނެ ކަމަށެވެ. ރަށު ކައުންސިލްތަކާއިއެކު އަތޮޅު ކައުންސިލަރުން އިންތިހާބު ކުރާ އުސޫލަށްވެސް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަމަށް މިރޭ ރައީސް ވަނީ ވިދާޅުވެފަ އެވެ.

Ads by Allied Insurance
  1. ހުރިހާ ކަމެއް ރައްޔިތުންގެ ބޮލަށް ކަނޑާލާ، ސިޔާސަ އެއްވެސް މަގާމެއް އުނިކުރާ ވާހަކައެއް ނުބުނެ އެއްނު!!! ހެހެހެ!