ރާއްޖޭގައި އެކްސްޕޯޓު ވިޔަފާރި ފުޅާކުރުމުގެ ގޮތުން އުފެއްދޭނެ މުދަލާއި ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ޖަގައިގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިގްތިޞާދު ސިންދަފާތު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިވަޑައިގަންނަވާ ވައުދެއް ކަމަށެވެ. މި ވައުދު ފުއްދުމަށް އެކްސްޕޯޓު ވިޔަފާރި ފުޅާކުރުމުގެ ގޮތުން ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކަށް މިހާރު ދައުވަތު ދީފައިވާކަމަށް ސައީދު ވިދާޅުވި އެވެ.
މި ޓީމުން ރާއްޖެ އައިސް ދިރާސާއެއް ހަދަނީ ރާއްޖޭގައި ހުރި ވަސީލަތްތައް މެދުވެރިކޮށް އުފެއްދިދާނެ މުދާތަކާއި ގުޅޭގޮތުންކަމަށް ސައީދު ވިދާޅުވި އެވެ.
“ރާއްޖޭގައި ބޮޑެތި ބިންތައް އެބަހުރި. ލާމު އަތޮޅުގަވެސް ބޮޑެތި ބިންތައް އެބަހުރި. އައްޑޫގަ ބޮޑެތި ބިންތައް އެބަހުރި. ބޭނުމެއް ނުކުރެވޭ ހާސް އަހަރު ވެގެން ދިޔައިރުވެސް”
މިނިސްޓަރު ވިދާޅުވީ މި ބިންތަކުގެ ސްޓޮކެއް ނަގައި ބޭރުގެ ތަޖުރިބާކާރުން ލައްވައި, އެކްސްޕޯޓު ވިޔަފާރި ފުޅާކުރެވޭނީ ރާއްޖޭގައި ކޮން މުދަލެއް ކޮން ގޮތަކަށް އުފެއްދީމައިތޯ ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ތައްޔާރުވަމުން ދާކަމަށެވެ. ރާއްޖޭގައި އެކްސްޕޯޓު ވިޔަފާރި ކުރިން ނެތް މިންވަރަށް ރައީސް މުއިއްޒުގެ ފަސް އަހަރު ތެރޭގައި އެކްސްޕޯޓު ވިޔަފާރި ފުޅާކުރައްވައި ޑަބަލް ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރީއެކްސްޕޯޓު މާކެޓެއް އުފެއްދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ޑިވެލޮޕްމެންޓު ކޮމްޕެނީއެއް މިހާރު ރައީސް އުފައްދަވާފައިވާ ކަމަށާއި އެކުންފުނީގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށް ދާކަމަށް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.
“މީގެ އިތުރުން ޗައިނާއާއެކު ހަދާފަވާ ފްރީ ޓްރޭޑް އެގްރީމެންޓު, ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެކްޓިވޭޓް ކުރެވޭނެކަން މިއަދު އަޅުގަނޑުމެންނަށް ޔަގީން ކުރެވިގެން މިދަނީ, އަޅުގަނޑުމެންގެ މަޖިލީހުންވެސް ދެއްވާ ޔަގީންކަމާއެކު”
ސައީދު ވިދާޅުވީ ޗައިނާގެ އިތުރުން އިންޑިއާއާއެކު ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރެވެމުން ދާކަމަށެވެ. އެގޮތުން މި ދެގައުމާއިއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އަމިއްލަ ގައުމުގެ ކަރަންސީން ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގައި ޑޮލަރަށް އޮންނަ ޕްރެޝަރު ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ ކަަމަށެވެ.
މިނިސްޓަރު ސައީދުގެ ވާހަކަފުޅުގައި އޭނާ މިރޭ ވަނީ ރާއްޖޭގެ އިގްތިޞާދީ ހާލަތު މިހާރަށްވުރެއް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހިއްސާ ކުރައްވައިފަ އެވެ.