ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދު
ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް ވިދާޅުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ރައީސް ޑރ މުހައްމަދު މުއިއްޒަށް ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 77 އަށް މަދުކޮށް ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމާއި ގުޅޭ ގޮތުން ރޭ ޕީއެންސީގެ ޖަގަހާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަ އަށް އިޝާރާތް ކުރައްވާ 'އެކްސް' ގައި ރަސްމީ އެކައުންޓުން ރޭ ކުރި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.
"މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ. ދައުލަތުގެކަންކަން ހިންގަންނޭގިގެން ގައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން" ޝާހިދު ވިދާޅުވިި އެވެ.
ރޭ ގެ ޖަލްސާގައި ރައީސް ވިދާޅުވީ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރުމާއި ބައެއް ކޮމިޝަންތައް އެއްކޮށްލުމާއި ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރައްވަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގއި ކައުންސިލްތަކުގެ ސައިޒު ނުކަތާހާ ބޮޑެވެ. ރައީސް ދެކިވަޑައިގަންނަވާ ގޮތުގައި އާބާދީ މަދު ރަށްތަކަށް ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ އެވެ.