ޝާހިދަށް އަބްދުއްރަހީމް ރައްދު ދެއްވައިފި
މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލަން މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށާއި ކައުންސިލުތަކަށް ގެންނަން ބޭނުންފުޅުވާ ބަދަލުތަކާއި ގުޅޭ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ޝާހިދު ވަނީ ފާޑުވިދާޅުވެފަ އެވެ. ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.
"މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ. ދައުލަތުގެކަންކަން ހިންގަންނޭގިގެން ގައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން" ޝާހިދު ވިދާޅުވިި އެވެ.
އެ ވާހަކަތަކަށް 'އެކްސް' ގައި ރައްދު ދެއްވަމުން ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ނިކުމެ އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ގައުމު ހިންގަން ނޭނގޭތީވެ ކަމަށެވެ.
"ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުންނުކުމެ އަބްދުﷲ ޝާހިދު، މަނިކުފާނުމެންގެ ވެރިކަން ނިމުމަކަށްގެނައީ"
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހްސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރޭ ގެ ޖަލްސާގައި ރައީސް ވިދާޅުވީ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރުމާއި ބައެއް ކޮމިޝަންތައް އެއްކޮށްލުމާއި ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރައްވަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީސް މެންބަރުންގެ އަދަދު 77 އަށް މަދުކުރަން ޖެހޭ ކަމަށެވެ.