"ވަގުތު ބޭކާރުކުރަން" ކުއްލި މައްސަލަ ހުށަނޭޅޭ ގޮތަށް ހަދަން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހުގެ "ވަގުތު ބޭކާރު" ކުރުމަށްޓަކައި ތަޅުމަށް ކުއްލި މައްސަލަ ހުށަނޭޅޭ ގޮތަށް ހެދުމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ އިބްރާހީމް މިއަދު ގޮވާއްލައިފި އެވެ.
އޭނާ މިގޮތަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ކޮންމެ ޖަލްސާއަކަށް ކުއްލި މައްސަލަތައް ހުށަހަޅަމުންދާތީ އެއީ މަޖިލީހުގެ "ވަގުތު ބޭކާރު" ކުރުމަށް އެ މެމްބަރުން ކުރައްވަމުން ގެންދާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން ނެވެ.
ކޮންމެ ޖަލްސާއަކަށް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލަ ހުށަހެޅި ނަަމަވެސް، ސަރުކާރަށް މެޖޯރިޓީ އޮންނާތީ މަޖިލީހުން ކޮންމެ ފަހަރަކު ވެސް އެ މައްސަލަތައް ބޭރުކޮށްލަނީ އެވެ. މިދިޔަ 19 ވަނަ މަޖިލީހުގަައި އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު ވެސް އޭރުގެ އިދިކޮޅުން ހުށަހަޅާ މައްސަލަތައް ބޭރުކޮށްލަ އެވެ.
"އިއްޒަތްތެރި ރައީސް، އަޅުގަނޑުވެސް ހަމަ ތަކުރާރުކޮށް އެދެން މިފަދަ ބޭކާރު ބިލްތައް ނުވަތަ މައްސަލަތައް ނުވަންނާނެ ގޮތަކަށް މިހާރުގެ ކަންކަން ފަރުމާކުރަން އެބަޖެހޭ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން މަސައްކަތްތައް ފަށަން ޖެހެނީ ކޮންމެވެސް ކަހަލަ ތާކުން ތާކު ނުޖެހޭ ކަމެއްގެ ތެރެއިން" މުސްތޮފާ ވިދާޅުވި އެވެ.
އޭނާ ހުށަހެޅުއްވީ ވަކި މިންވަރަކަށް އެ މައްސަލައަކަށް ތާއީދު ލިބިގެން ނޫނީ ތަޅުމަށް ހުށަނޭޅޭ ގޮތަށް އުސޫލު ބަދަލު ކުރުމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ކުއްލި މައްސަލައިގެ ނޯޓިސް ރިޔާސަތައް އަރުވަން ޖެހެނީ ޖަލްސާ ފެށުމުގެ 15 މިނެޓު ކުރިން ނެވެ. އެ މައްސަލަ ހުށަހެޅުމަށްޓަކައި މެމްބަރުންގެ ތާއީދު ބޭނުން ނުވި ނަމަވެސް ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާ މެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަަވަޅުތަކަށް ފާޑުކިިޔުމުގެ ގޮތުން ތަޅުމަށް ކުއްލި މައްސަލަ ހުށަހެޅޭނެ އެވެ.