ޚަބަރު

ވެރިކަންކުރާ ގޮތް ބަދަލު ކުރަންޖެހޭ: ނާޒިމް

އަލީ ސަމާޙް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލީސް

ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި ކަންކަން މުރާޖައާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދިއްގަރު ދާއިރާގެ މެންބަރުންކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމް އެހެން ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވަނީ ރައްޔިތުން އައު މެންބަރުންތަކަކާ އައު ޒިންމާތަކެއް ހަވާލުކުރެއްވީ އައު ވިސްނުންތަކަކާއެކު، އެ ޒިންމާތައް އަދާކުރެއްވުމުގެ އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި މަޖިލީހުގެ މެންބަރުންނާ، ރައްޔިތުން ހަވާލުކުރައްވާފައިވާ ބޮޑު މަސްއޫލިއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ނާޒމް ވިދާޅުވީ، ހުރިހާ މެންބަރުންވެސް ޒިންމާތައް އަދާކުރެއްވުމުގައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް އިސްކަން ދެއްވަން ޖެހޭނެ ކަމަށެވެ.

ރާއްޖެ ޑިމޮކްރެސީގެ މަގުގައި ކޮށްފައިވާ ދަތުރު ހަނދާނަށް ގެންނަވަމުން، ނާޒިމް ވިދާޅުވީ، އައު ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 އިން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތިކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، މި އަހަރުތަކުގައި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ހާލަތަށް ބައްލަވާލައްވަމުން މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާހި ފިޔަވަޅުތަކަށް ވެސް ނާޒިމް އަލިއަޅުވައި ލެއްވި އެވެ.

"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިސްލާކޮށް، ބައެއް ކަންކަން އަލުން މުރާޖައާ ކުރަން ޖެހޭ" އޭނާ ވިދާޅުވި އެވެ.

ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރުމަށް ނާޒިމް ބާރުއެޅުއްވި އެވެ. އަދި އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި، ހަރުދަނާ މަދަނަވެށި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރުމަށްވެސް ބާރުއެޅުއްވި އެވެ.

ނާޒިމް ވަނީ، މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ހާލުކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދެއްވުމަށްވެސް މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން، ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުން މެންބަރުން އެއްކިބާވެ ތިއްބަވައިގެން ނަތީޖާ ނެރެދެއްވުމަށްވެސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ހަގީގީ މާނައިގައި ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން" ނާޒިމް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!