ޚަބަރު

މާލޭގެ ކަންކަން ރަނގަޅުކުރަން އެމްޑީޕީއަށް ސިޓީ ކައުންސިލް ލިބެން ޖެހޭ: މޭޔަރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގެ ކަންކަން ރަނގަޅުކޮށް ސިޓީ ކައުންސިލްގެ ދުވެލި ރަނގަޅު ކުރުމަށް ކުރިއަށް އޮތް ބައި އިލެކްޝަންތަކުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައި އެ ޕާޓީއަށް ސިޓީ ކައުންސިލް ލިބެން ޖެހޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއެއް ހުސްވީ އެ ގޮނޑިތައް ފުރުއްވި ކައުންސިލަރުން މިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައި މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވުމުން ކައުންސިލަރުގެ މަގާމު ދޫކޮށްލެއްވުމުންނެވެ. އެ ގޮތުން ހުސްވީ ހުޅުމާލެ، މައްޗަންގޯޅި މެދު، އަދި ހެންވޭރު ހުޅަނގުގެ ގޮނޑި އެވެ.

މިރޭ އެމްޑީޕީގެ ޖަގަަހައިގައި ބޭއްވި "ކުރީ ސަރުކާރު" ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ހަވާލުވެވަޑައިގެންނެވި ފަހުން ކުރިން ނުކުރެވި އިހުމާލުވެފައިވާ ކަންކަން ކުރަން ފަށާފައިވާ ކަމަށެވެ. ނުފެށި ހުރި މުހިންމު މަސައްކަތްތައް ވެސް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ ބުޅާ އުޅޭނެ ޝެލްޓަރުގެ މަސައްކަތާއި، ހުއްޓުމެއް ނެތް ގޮތަށް މާލެ ސިޓީ ކައުންސިލުން މަގުތައް ސާފުކުރުމާއި މަގުމަތި ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތެވެ.

އެމްޑީޕީއާ ވާދަވެރި ޕީއެންސީން ސަރުކާރު ހިންގުމާ ހަވާލުވިތާ މިވީ ހަތް މަސް ދުވަހުގެ ތެރޭގައި ވެސް ކުރެވުނުހާ މަސައްކަތަކީ އެމްޑީޕީގެ ނިމުނު ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތްތައް ހިންގުން އެކަނި ކަމަށް އާޒިމް ވިދާޅުވި އެވެ.

"ހަތް މަސް ތެރޭގައި ކުރެވުނުހާ ވެސް ކަމަކީ އާރުޓީއެލް ފެރީއަށް އަރައި ފޮޓޯއެއް ނަގައިލުން، އެއީ ވެސް އެމްޑީޕީގެ މަސައްކަތެއް، އެހެން ބަޔެއްގެ މަސައްކަތެއް ނޫން، އެއީ މި ރަން ރީނދޫ ލަޝްކަރުގެ މަސައްކަތުގެ ނޭވާ،" އެމްޑީޕީގެ ސަރުކާރުގައި އާރުޓީއެލް ހިދުމަތް ވުޖޫދުކޮށްދިން އެމްޓީސީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންގެ ހައްގުގައި ވެސް މިހާތަނަށް މަސައްކަތްކުރީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި އެވެ. ފުރަތަމަ ފަހަރަށް މާލެ މީހުންނަށް ހިލޭ ގޯތި ދޫކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ފަހުން ހަތް އަހަރު ވާދަވެރިން ވެރިކަން ކުރުމަށް ފަހު، އެމްޑީޕީގެ ނިމުނު ސަރުކާރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގޯތި ދޫކުރި ކަން ފާހަގަ ކުރެއްވި އެވެ.

އާޒިމް ވިދާޅުވީ އޭރު ދިން ގޯތި ޔަގީންކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ހަމަޖެހުން ފޯރުކޮށްދިނުމަށް ކުރަން ހުރި އެހެނިހެން މަސައްކަތްތައް ސިޓީ ކައުންސިލްގެ ތެރެއިން ކުރުމަށް ހަލުވި ދުވެއްޔެއްގައި ހިންގޭނީ އެމްޑީޕީ ތަމްސީލްކުރާނެ އިތުރު ކައުންސިލަރުން ސިޓީ ކައުންސިލްގައި ތިބެގެން ކަމަށެވެ. މި ވަގުތު އެމްޑީޕީގެ މޭޔަރެއް ހުންނެވި ނަމަވެސް ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ.

  1. މިގައުމު ހަލާކު ކުރަން ބޭނުމިއްޔާ އެމްޑީޕީ ހޮވަންވީ