ޑިމޮކްރެޓްސްގެ އަހަރީ ދުވަހު ރައީސް މުއިއްޒުގެ ތަހުނިޔާ

ދަ ޑިމޮކްރެޓްސް އަށް އެއް އަހަރު ފުރުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެޕާޓީއަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ރައީސް މުއިއްޒު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެމްބަރުންނަށް ދަންނަވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް ރަސްމީކޮށް އުފެދުނުތާ މިއަދަށް މިވީ އެއް އަހަރެވެ. އެ ޕާޓީއަކީ އެމްޑީޕީގެ އިސް ސަފުގައި އުޅުއްވުމަށްފަހު ޕާޓީގެ ލީޑަޝިޕާއި ހިތްހަމަޖެހިވަޑައިނުގެން ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދި ޕާޓީ އެކެވެ.
މި ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް އިރުޝާދު ދެއްވަމުން ގެންދެވީ އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ޑިމޮކްރެޓްސް ފުރަތަަމަ އުފެދުނުއިރުވެސް ރައީސް ނަޝީދު ހުންނެވީ އެމްޑީޕީގެ ރައީސްގެ ގޮތުގަ އެވެ.
ދަ ޑިމޮކްރެޓްސްއަށް މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް ކާމިޔާބެއް ލިބިފައި ނުވެ އެވެ. އެޕާޓީން މަޖިލީހުގައި ކެނޑިޑޭޓުން ވާދަކުރެއްވި ނަމަވެސް އެއްވެސް ކެނޑިޑޭޓަކު އިންތިހާބުވެފައެއް ނުވެ އެވެ.
އެމްޑީޕީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށް ދައުވަތު އަރުވައިފަ އެވެ. މި ކަމަށް ރައީސް ނަޝީދުވެސް ވަނީ ގްރީން ސިގްނަލެއް ދެއްވައިފަ އެވެ.