ޚަބަރު

ބިދޭސީ މަސައްކަތްތެރިންނަށް އެކޮމޮޑޭޝަން އަޅަން ބޭރުގެ ޕްރޮޕޯސަލެއް، އަދި ގޮތެއް ނުނިންމާ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ބައިތިއްބަން އެކޮމޮޑޭޝަން ބްލޮކުތަކެއް އެޅުމުގެ ޕްރޮޕޯޒަލްއެއް ސަރުކާރަށް ލިބިއްޖެ އެވެ.

Ads by STELCO

ހޯމް މިނިސްޓްރީއާ އެ މިިނިސްޓްރީގެ ދަށުން ހިންގާ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ ހުށަހެޅުން ހުށަހަޅާފައިވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އަޓައިލްޒް އިން ކަމަށެވެ. އެކަމަކު މިއީ އަންސޮލިސިޑެޓް ނުވަތަ އެ ކުންފުނިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލް އެކެވެ.

"އަޅުގަނޑުމެންނަށް 1 މާޗް 2024 ގައި ލިބެނީ އަންސޮލިސިޓެޑް ޕްރޮޕޯސަލްއެއް. މެލޭޝިއާގެ އަޓްލްޒިއާ ކުންފުނި ނަމަކަށް ކިޔާ ކުންފުންޏެއް އެ ކުންފުނިން އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައިވަނީ ނެޝަނަލް މައިގްރެންޓް ވޯކާޒް ޑޯމިޓޮރީސް. އެއީ ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް އަންސްކިލްޑް ލޭބާ ކެޓަގަރީގައި މިކިޔާ މަސައްކަތްތެރިން ރާއްޖެ އައިސް މަސައްކަތް ކުރާއިރު އެމީހުން އެކަމަޑޭޝަންގެ ބްލޮކްސްތަކެއް އެޅުމުގެ ވާހަކަ." މިނިސްޓަރު ވިދާޅުވި އެވެ.

އެ ކުންފުނީގެ ޕްރޮޕޯޒަލްގައި ހިމަނާފައިވާ ކަންކަން ވެސް މިނިސްޓަރު ތަފްސީލުކޮށްދެއްވި އެވެ. އެގޮތުން

  • އެ ޕްރޮޖެކްޓުގެ ހުރިހާ ހަރަދެއް ކުރާނީ އެ ކުންފުނިން
  • މާލެ ސަރަހައްދުގައި 100،000 މީހުންގެ އެކަމޮޑޭޝަން ބްލޮކުތަކެއް އެޅުމަށް ހުށަހަޅާފައިވޭ؛  އެއީ މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ތިލަފުށީގައި
  • އެކޮމޮޑޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަން ނިންމީ 120 ޑޮލަރު، މިނިސްޓަރު ވިދާޅުވީ މަޝްވަރާތަކަށް ފަހު މިހާރު 100 ޑޮލަރަށް ކުޑަކުރެވިފައިވާ ކަމަށް
  • އެތަނުގައި އޭޓީއެމް، ކްލިނިކް، ލޯންޑްރީ، ބަދިގޭގެ އިތުރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނެ
  • އަދި އެތަނުގައި އުޅޭ ބިދޭސީންގެ ހުރިހާ މައުލޫމާތެއް ހިމެނޭ ސޮފްޓްވެއާ ސިސްޓަމެއް ވެސް ސަރުކާރަށް ދޭނެ ކަމަށް ހުށަހެޅި

އިހުސާން ވިދާޅުވީ އެ ޕްރޮޕޯޒަލް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓް މޯލްޑިވްސް އަށް އިވޭލުއޭޓް ކުރަން ފޮނުވީ މޭ މަހުގެ 13 ގައި ކަމަށެވެ. އަދި އޭގެ މަހެއްހާ ދުވަސް ފަހުން ހުސްވި މަހުގައި އިވޭލުއޭޓް ކުރުމަށްފަހު އިންވެސްޓް އިން ރައީސް އޮފީހަށް ފޮނުވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވުނީ 11 ޖޫން ގައެވެ. އަދި އެ ބައްދަލުވުމުގައި "މި ޕްރޮޖެކްޓަށް އިން ޕްރިންސިޕަލް އެއްބަސްވާ ކަމަށް" ނިންމި ކަމަށެވެ. އެހެންވެ ސަރުކާރުން މިހާރު ވަނީ އެއްބަސްވުމަކާ ހިސާބަށް ދިއުމަށްޓަކައި އެންމެ ފަހުގެ ހުށަހެޅުންތައް ހުށަހެޅުމަށް އެ ކުންފުންޏަށް އަންގާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ހިންގާނީ، ކުންފުނީގެ ހުށަހެޅުންތައް އިކޮނޮމިކް ކައުންސިލަށް ލިބުމުން، އެކަންކަމަށް އެ ކައުންސިލުން އެއްބަސްވާނަމަ ކަމަށެވެ.

މި ކުންފުންޏަކީ މެލޭޝިއާގެ ޖީ3 ގްލޯބަލް ބެރްހާދުގެ ސަބްސިޑަރީ ކުންފުންޏެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!