ޚަބަރު އިޖުތިމާޢީ

ބިދޭސީންގެ ކަސްޓޯޑިއަލްގެ ޖާގައިގެ ދަތި ކަމަށް ވިޔަފާރިވެރިއެއްގެ އެހީ އާއެކު ހައްލު ހޯދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ގަވާއިދާ ހިލާފަށް އެއްވެސް ލިއެކިއުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ދިވެހި ވިޔަފާރިއެއްގެ އެހީ އާއެކު ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މީހުން ގެންދަނީ ހައްޔަރަށް ނަގަމުންނެވެ. އެގޮތަށް ނަގާ މީހުންގެ ތެރެއިން 2،013 މީހުން މިހާތަނަށް ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވެފައި ވަނީ ބިދޭސީންގެ ޑިޓެންޝަން ސެންޓަރުގެ ކެޕޭސިޓީއަކީ 200 ކަމަށެވެ. ރެއިޑެއް ކުރާ ދުވަހެއްގައި 30 އަކަށް މީހުން ވެސް ނެގޭ ކަމަށާއި އެފަދައިން ނަގާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ އަތުގައި އެއްވެސް އައިޑެންޓިފިކޭޝަނެއް ނޯންނަ ފަހަރު އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެފަދަ މީހުންގެ އައިޑެންޓިފިކޭޝަން ޑޮކިއުމެންޓްތައް އެމްބަސީއާ ގުޅިގެން ހައްދަން ޖެހޭ ކަމަށާއި އެކަން ފުރިހަމަ ކުރުމަށް ބައެއް މީހުންނަށް މަހެއްހާ ދުވަސް ނަގާ ކަމުގަ އެވެ. އެ މުއްދަތުގައި އެ މީހުން ބައިތިއްބަނީ ކަސްޓޯޑިއަލްގައި ކަމަށްވުމުން ޑިޓެންޝަން ސެންޓަރު ފުރޭގޮތް ދިމާވާކަން އޭނާ ފާހަގަކުރެއްވި އެވެ. އިހުސާން ވިދާޅުވީ އެކަމަކީ މައްސަލަ ހައްލު ކުރުމަށް ލޯއެންފޯސްމަންޓަށް ދިމާވެފައިވާ ދައްޗެއް ކަމަށެވެ.

"އިހަށް ދުވަހު ރާއްޖޭގެ ބޮޑު ވިޔަފާރިވެރިއަކާ ވެސް ދިމާވެގެން އެބޭފުޅުން ޔަގީން ކަމެއް ދެއްވި މިކަމަށް ހައްލެއް ދިނުމަށް ސަރުކާރަށް އެހީތެރިކަމެއް ދޭނަމޭ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވެފައި ވަނީ ކަސްޓޯޑިއަލް ކެޕޭސިޓީގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!