ބަޖެޓަށް ނުތަކާ ވަރަށް ޕްރޮޖެކްޓްތައް އެބަހުރި، މަސައްކަތްތައް ފުނިޖެހިފައި
ކުޅިވަރު ކުޅޭތަންތައް ހެދުމަށް މިހާރު ފެށިފައިހުރި މަސައްކަތްތައް މަޑުޖެހިފައި ހުރީ ބަޖެޓަށްވުރެ މަޝްރޫއުތައް ގިނަވުމުން ކަމަށް ކުޅިވަރު ވަޒީރު އަބްދުالله ރާފިއު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ, ރަށްރަށުގައި ހިންގަމުން އަންނަ ޕްރޮޮޖެކްޓްތައް މަޑުޖެހިފައިވާތީ, އެކަން ހިނގާ ގޮތް ބެލުމަށް މިއަދު މަޖިލީހަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ.
ވަޒީރު ވިދާޅުވީ, މަޝްރޫއުތައް ލަސްވަނީ އެކަށީގެންވާ ބަޖެޓް ހަމަޖެއްސުމެއް ނެތި މަޝްރޫއުތައް ފަށާތީ ކަމަށެވެ. އެގޮތުން ގިނަ ރަށްރަށުގައި ފެށިފައިވާ މަޝްރޫތަކަކީ ހަމައެކަނި އެޑްވާންސް ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައްކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ, މިގޮތަށް ވުމުން ގިނަ ފަހަރަށް މަޝްރޫއުތައް ހުއްޓޭ ކަމަށާއި، އެހެންވުމުން ދެން ޖެހެނީ އަންނަ އަހަރުގެ ބަޖެޓަށް ލައިގެން މަޝްރޫޢުތައް ކުރިއަށް ގެންދަން ކަމަށެވެ.
ވަޒީރުގެ ވާހަކާ ގައި މިހާރުވެސް 2 އަހަރު ނުވަތަ 3 އަހަރު ލަސްވެފައިވާ މަޝްރޫއުތައް ހުރިކަން ފާހަގަކުރެއްވި އެވެ. އަދި މިކަމުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ބަޖެޓަށް ވުރެ މަޝްރޫއުތައް ގިނަވުން ކަމަށް ވަޒީރު ރާފިއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޖުމްލަ ކޮންޓްރެކްޓެޑް ވެލިއުއަކީ ދެ އަހަރުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް. މިއަހަރު ބަޖެޓަކީ 284 މިލިއަން ރުފިޔާ. އޭގެ ދެގުނަ ނުވަތަ ދެ އަހަރުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކޮންޓްރެކްޓް ކުރެވިފައި އޮތީ." ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ, މިކަން މިގޮތަށް ވާތީ, ހައްލުކުރަން މަސައްކަތްތަކެއް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބަޖެޓަށް ކެތްވާވަރަށް ޕްރޮޖެކްޓްތައް ދާންވާނީ. އެހެންވެ, އަޅުގަނޑުމެން ކައުންސިލްތަކާ ވާހަކަ ދައްކަމުން މިދަނީ މިހާރު ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ އިސްކަމެއްދޭ ޕްރޮޖެކްޓްތަކަކީ ކޮބައިތޯ." ވަޒީރު ވިދާޅުވީ މަސައްކަތް ކުރަނީ މަޑު ނުޖެހި ގިނަ ޕްރޮޖެކްޓްތައް ނިންމަން ކަމަށެވެ.
"މުހިންމީ ޕްރޮޖެކްޓްތައް ފެށުމެއް ނޫން, ވީހާވެސް ގިނަ ޕްރޮޖެކްޓްތައް ނިންމުން" ރާފިއު ވިދާޅުވި އެވެ.