ޕޮލިސް ކޮލެޖުގެ ދެ ދަރިވަރުން ފިޔަވާ އެންމެން ހޮސްޕިޓަލުން ދޫކޮށްލައފި

ޕޮލިސް ކޮލެޖުން ބަލިވެގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކުރި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރުން ފިޔަވާ އެހެން ހުރިހާ ދަރިވަރުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރީ ރޭގެ ވަގުތެއްގަ އެވެ. އެއިން ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ރޭ ފުލުހުން ބުނެފައިވެ އެވެ.
މިއަދު މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި ވަގުތު އައިސީޔޫގައި ފަރުވާދެމުން ދަނީ އޭގެ ތެރެއިން ދެ ދަރިވަރުންނަށް ކަމަށެވެ.
މި ދަރިވަރުންގެ ހާލު ދެރަވީ، ބެލެވޭ ގޮތުގައި ކާނާ ވިހަވެގެން ކަމަށް ފުލުހުން ބުންޏެވެ. މި ކަން ހިނގި ސަބަބު ދެނެގަންނަން ހޮސްޕިޓަލް މެދުވެރިކޮށް ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.