މެރިޓައިމް ޕޯޯޓުގެ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ޔޫއެން ޓްރޭޑް އެންޑް ޑެވަލޮޕްމަންޓް (އަންކްޓަޑް) ގުޅިގެން ކުރިއަށް ގެންދާ "މޮޑާން ޕޯޓް މެނޭޖްމަންޓް" ކޯސް މިއަދު ފަށައިފިއެވެ.
މި ކޯސް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބޭއްވީ އެމްޕީއެލްގެ ހެޑް އޮފީހުގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް ކޯޕަރޭޓް އޮފިސަރު އައިޝަތު ޝިމްލާ ވިދާޅުވީ އެ ކޯހަކީ މެރިޓައިމް ޕޯޓްގެ ދާއިރާ އިން މީހުން ބިނާކުރުމަށް މުހިއްމު ކޯހެއް ކަމަށެވެ. އަދި ތައުލީމާއި ތަމްރީނު ހާސިލްކުރުމުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން، ކުރިއެރުން ހޯދަން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަންވެސް އޮންނަންވާނީ ރަނގަޅު ގޮތުގައި. އަދި އަޅުގަނޑުމެން ޝާމިލްވާން އެންމެ ރަނގަޅު ވާދަވެރިކަމަކީ އިލްމު ހާސިލްކުރުމަށް. އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ މި ތަމްރީނުގައި ތިޔަ ބައިވެރިން ތި ތިބީ އެކަންޏެއް ނޫންކަން. އަޅުގަނޑުމެންވެސް މިތިބީ ތިޔަ ހުރިހާ ބައިވެރިންނާއެކު. ހަމައެކަނި އެއް ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައެއް ނޫން. އެކަމަކު ގުޅިގެން، އުނގެނި ކުރިއެރުން ހޯދާ އާއިލާއެއްގެ ގޮތުގައި،" ޝިމްލާ ވިދާޅުވި އެވެ.
މިއީ މި ކޯސް ރާއްޖޭގައި ކުރިއަށް ގެންދާ ތިން ވަނަ ފަހަރެވެ. 18 މަސް ދުވަހުގެ މި ކޯސް ބްލޮކް މޯޑަށް ކުރިއަށް ގެންދާއިރު މި އަހަރު ޖުމްލަ 20 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން އެމްއެސްއެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެ އެވެ.
މި ކޯހުގެ ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރު ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރު ޖޯ ހައިނީ އެވެ.