މުނިފޫހިފިލުވުން

ކޮވިޑް19: މައްސަލަކީ ވައިރަސް ނާރާނެ ކަމަށް ދުށުން: ސަލްމާންޚާން

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ބޮލީވުޑްގެ ސުޕަރ ސްޓަރ ސަލްމާން ޚާން އޭނާގެ ސަޕޯޓަރުންނާއި އާންމުންނަށް ރައްކާތެރިވުމަށް އެދި މެސެޖެއް ދީފައެވެ.

ސަލްމާންޚާން އާންމުކޮށްފައިވާ ވީޑިއޯ މެސެޖުގައި އޭނާ ބުނެފައިވަނީ އެންމެ ބޮޑު މައްސަލައަކީ މިވައިރަސް ނުޖެހޭނެ ކަމަށް އެންމެން ވެސް ވިސްނުން ކަމަށެވެ. ކޮންމެ މީހަކަށް ވެސް މިވައިރަސް ޖެހިދާނެ ކަމަށާއި އެހެންވުމާއެކު މިކަމާމެދު ސީރިއަސްވުމަށާއި ބޭނުން ނެތް ގޮތުގައި ތަންތަނަށް ދިޔުމުން ދުރުހެލިވާން ޖެހޭކަމަށް ސަލްމާން ބުނެފައިވެއެވެ.

''މިއީ (މަޖާކުރަން އޮތް) ބަންދެއް ނޫން ، މިއީ ވަރަށް ސީރިއަސް ކަމެއް ، މާސްކް އަޅާ ރައްކާތެރިވޭ ، އަތްދޮވޭ ، ސާފުތާހިރުކަން މަތީ ތިބޭ ، އާންމުންނާއި ދުރުވެ ތިބޭ'' މިއީ ދިރިހުރުމާއި މަރާ ގުޅިފައި އޮތް ކަމެއްކަމަށް ފާހަގަ ކުރަމުން ސަލްމާން ބުނެފައިވެއެވެ.

ސަލްމާންގެ މެސެޖުގައި ކޮވިޑް19 އިން ސަލާމަތްވުމަށް ޞިއްޙީ ޚިދުމަތްތެރިންނާއި އެހެން ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ބޮލީވުޑް ވެސް ވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ވަރަށް ގިނަ ފިލްމްތަކުގެ ޝޫޓިންތައް މިވަގުތަށް ވަނީ މެދުކަނޑާލާފައެވެ. އިންޑިއާއިން މިހާތަނަށް 425 އަށްވުރެ ގިނަ މީހުން ކޮވިޑްއަށް ފައްސިވިއިރު 8 މީހުން ވަނީ މަރުވެފައެވެ. ހަމަމިއާއެކު ބައްޔަށް ޝައްކު ކުރެވި ،އެކަހެރި ކޮށްފައިވަނިކޮށް ފިލާ މީހުންގެ މައްސަލަ އިންޑިއާއަށް ކުރިމަތިވެފައިވާތީ މިއީ ވެސް އެގައުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!