އަރްޖުންގެ ލޯބިވެރިޔާ މަލައިކާ ވެސް ކޮވިޑަށް ފައްސި
ބޮލީވުޑުގެ ތަރި އަރްޖުން ކަޕޫރު ކޮވިޑް-19 އަށް ފައްސިވިކަން އިއުލާނުކުރިތާ މާ ގިނަ އިރެއް ނުވެ، އަރްޖުން ގެ ލޯބިވެރިޔާ އަދި ބޮލީވުޑު ތަރި މަލައިކާ އަރޯރާ ޚާން ވެސް ބައްޔަށް ފައްސިވެފައިވާ ކަމަށް އިންޑިއާ ގެ ބައެއް ނޫސްތަކުން ބުނެފިއެވެ.
ޓައިމްސް އޮފް އިންޑިއާ ގައި ބުނެފައިވާ ގޮތުގައި މަލައިކާ އެކަން ހާމަ ނުކުރި ނަމަވެސް މަލައިކާގެ ކޮއްކޮ އަމްރީތާ އެކަން އެނޫހަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އަރްޖުން ފައްސިވެފައިވާ ކަން ހާމަކޮށްފައިވަނީ މިއަދު އޭނާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އޭނާ ކޮވިޑު-19 އަށް ފައްސި ވެފައިވާ ކަމަށާއި، މިވާހަކަ އޭނަގެ ފޭނުންނަށް ހިއްސާ ކުރުމަކީ އޭނަ ދެކޭ ގޮތުގައި އޭނަގެ ޒިންމާއެއް ކަމަށެވެ.
އަރުޖުން މި ބައްޔަށް ފައްސިވެފައިވީ ނަމަވެސް ހާލު ރަނގަޅު ކަމަށާއި، ޑޮކްޓަރުންނާއި ކަމާއި ބެހޭ ފަރާތްތަކުގެ އެންގުމުގެ ދަށުން މިހާރު “ހޯމް އައިސޮލޭޓު” ވެފައި ވާ ކަމަށް ވެސް އަރްޖުން ބުނެފައިވެއެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެެ.