މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފި އެވެ.
މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް އަރިސްކުރައްވާފައި ވަނީ މިއަދު ހެނދުނު "އެކްސް" ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިވަން ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ގޮތަށް ވަނީ ނިންމަވާފަ އެވެ. މި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވުން އޮންނާނެ އެވެ.
މިނިވަން ދުވަހުގެ ޖަލްސާ ބާއްވަން ނިންމާފައިވާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހާ ގުޅިގެން ބާއްވާ ފުޅަނދު ބުރު ނުބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މިއަދު ރާއްޖޭގައި ފާހަގަކުރަމުން ދަނީ 59 ވަނަ މިނިވަން ދުވަހެވެ. މިނިވަން ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.