ދުނިޔެ

ކޮވިޑް19: ގޭގައި ތިބެން ޖެހޭ ސަބަބު މުފްތީ މެންކް ތަފްސީލްކޮށްދީފި

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާ މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިހާތަނަށް 14000 މީހުން މިބަލީގައި ދުނިޔެއާއި ވަކިވެގެން ދާން ޖެހިފައިވާއިރު ކޮންމެ، ކޮންމެ ދުވަހަކު އިޓަލީއިން މަރުވާ މީހުންގެ އަދަދަށް އެކަނި ވިސްނާލިޔަސް މި ބަލީގެ ނުރައްކާތެރިކަން ދޭހަކޮށްދެއެވެ.

Ads by Sosun Fihaara

ބަލިން ރައްކާތެރިވުމަށް ވަކި ޚާއްޞަ ފަރުވާއެއް އަދި އުފެއްދިފައި ނެތްއިރު 20 ގައުމުގެ ސައިންސްވެރިން ދަނީ އެކަމަށް ޓަކައި ގިނަ ވަގުތުތަކެއް ހޭދަ ކުރަމުންނެވެ.

މި ވައިރަހުން ރައްކާތެރިވުމަށް ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން އަބަދުމެ އިރުޝާދު ދެއްވަނީ މައިގަނޑު ދެކަމަކަށެވެ. އެއީ ސާފުތާހިރުކަން މަތީ ތިބުން ނުވަތަ އަތްދޮތުމާއި އިޖުތިމާއީ ގައިދުރުކަމެވެ. މާނައަކީ މީހުންނާއި ދުރުމިނެއް ބެހެއްޓުމެވެ. ކޮންމެހެން ނިކުންނަށް ޖެހޭ ޙާލަތެއްގައި މެނުވީ ބޭރުތެރެއަށް ނިކުމެ ނޫޅުމެވެ. ގޭގައި އެކަހެރިވެ ތިބުމެވެ.

މިކަމަށް ބާރު ދެއްވާ ، އިސްލާމީ އުއްމަތުގެ މިހާރުގެ ގަދަރުވެރި އިލްމްވެރިއެއްކަމަށްވާ ޒިމްބާބުވޭގެ މުފްތީ އިސްމާޢީލް އިބްނި މޫސާ މެންކް މިވަނީ މިސާލެއްގެ ގޮތުގައި އިރުޝާދުތަކެއް ދެއްވާފައެވެ.

''ކަރެން އަށް ވައިރަސް ޖެހުނީ އިއްޔެ ، އެކަމަކު އޭނާއަށް 14 ދުވަސް ފަހުން ނޫނީ މިކަމެއް ނޭނގޭނެ ، އެހެންކަމުން އޭނާގެ ނަޒަރުގައި އޭނާ ހުރީ ދުޅަހެޔޮކޮށް ، އެކަމަކު އޭނާގެ ފުށުން ކޮންމެ ދުވަހަކު 10 މީހުންނަށް މިވައިރަސް އެބަޖެހޭ ،މި 10 މީހުންގެ ނަޒަރުގައި އެމީހުންގެ ވެސް އެއްވެސް މައްސަލައެއް ނެތް ،އެމީހުން ބޭރަށް ނިކުމޭ ، ތަންތަނަށް ދަތުރުކުރޭ ، އެ 10 މީހުންގެ ފަރާތުން ކޮންމެ ދުވަހަކު 100 މީހުންނަށް ވައިރަސް އެބަ ފެތުރޭ ، އަދި މި 100 މީހުންގެ ފަރާތުން 1000 މީހުންނަށް ވައިރަސް އެބަ ފެތުރޭ، އެއްވެސް މީހަކަށް ނޭނގެ ސަލާމަތުން ހުރީ ކާކު ކަމެއް ، އަދި ކާކުގެ ކިބައިންކަމެއް ތިބާއަށް ވައިރަސް ޖެހޭނީ'' ބޭރަށް ނުނިކުމެ ގޭގައި ތިބެން ޖެހޭކަމުގެ މުހިންމުކަން ބަޔާންކޮށް މުފްތީ ދީފައިވާ މިސާލެއްގައި އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން މުފްތީ މެންކް ވަނީ ޒިންމާދާރު ވުމަށާއި ކަރަންޓީނުގެ ހާލަތުގައި ގޭގައި ތިބުމަށް ނަސޭހަތްތެރިވެފައެވެ. އަދި މިކަމުން އެތައް ބައެއްގެ ފުރާނަ ރައްކާތެރި ކުރެވިދާނެ ކަމަށް މުފްތީގެ ނަސޭހަތުގައި ވެއެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ވަބާ މިހާތަނަށް 330،000 އަށް ވުރެ ގިނަ މީހުން ތަހައްމަލު ކޮށްފައިވާއިރު އެބަލީގެ ވޭނުގައި 14 ހާހަށްވުރެ ގިނަ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!