ޚަބަރު

ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓުވި މީހުން ތިބި 2 ގެ މޮނިޓަރިންގެ ހާލަތުގައި

ދެން އެމްވީ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ފައްސިވެފައިވާތީ އޭނާއާ ޑައިރެކްޓް ކޮންޓެކްޓުވި ދެ މީހުން މާލޭގައި ތިބި ދެ ގެޔެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، މާލެ އިން މޮނިޓަރިން އަށް ލާފައިވާ ދެ ގެއަކީ، ފެލައިނީ އާ ޑައިރެކްޓް ކޮންޓެކްޓުވި ދެމީހުން ދިރިއުޅޭ ގެ ކަމަށާއި، އެ ދެ ގެ މޮނިޓަރިންއަށް ލާފައި ވަނީ އެ ދެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަދި މި ކޭސްއާ ގުޅިގެން މާލޭގައި ކޮންޓެކްޓް ޓްރޭސިން ހެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެލައިނީ ރާއްޖެ އައިސްފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށާއި އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައި ކަމަށް މަބްރޫކް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަދި އޭނާ ރާއްޖެ ފުރައިގެން ގޮސްފައިވަނީ މި މަހުގެ 12 ގައި ކަމަށާއި ބައްޔަށް އޭނާ ފައްސިވިކަން އެނގުނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން 14 ދުވަހުގެ މުއްދަތަށް ބަލާއިރު ފެލައިނީ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ ދުވަހަކީ މި މަހުގެ ހަވަނަ ދުވަސް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!