ޚަބަރު

ދަރައި އޮތް ފެނަކައަށް ދައުލަތުގެ މުއައްސަސާތަކުން 148 މިލިޔަން ނުދައްކައި އެބަ އޮތް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފެނަކަ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ދެން

ދައުލަތުގެ މުއައްސަސާތަކުން ކަރަންޓާ ފެނުގެ ހިދުމަތް ދެމުންދާ، ފެނަކަ ކުންފުންޏަށް ލިބެން ޖެހޭ 148 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ފެނަކަ ކުންފުނިން އެހެން ބުނީ، އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ޕްރެސް ބްރީފިންގައި ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މަސްއޫދު ވިދާޅުވީ ނުލިބި އޮތް އަދަދަކީ ފެނާއި ކަރަންޓުގެ މަޝްރޫއުތަކަށް ބިލުކޮށްފައިވާ ފައިސާ ކަމަށެވެ.

މަސްއޫދު ވިދާޅުވި ގޮތުގައި 148 މިލިއަން ރުފިޔާގެ ތެރެއިން 85 މިލިއަން ރުފިޔާ އަކީ ސަރުކާރުގެ އެކި ވުޒާރާތަކުން ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުން ލިބެން ޖެހޭ ފައިސާ އެވެ. އޭގެ ތެރެއިން 2020 ވަނަ އަހަރުގެ ބައެއް ބިލްތައް ހިމެނޭ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލި މީހުން ބައިތިއްބަން ހެދި ކޮވިޑް ފެސިލިޓީ އަޅަން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ފައިސާ ވެސް ނުލިބި އެބައޮތް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 4.3 ބިލިއަން ރުފިޔާ އިން ފެނަކަ ދަރުވާލާފައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައިވެ އެވެ. އެހެންވެ ފެނަކަ ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވެ އެވެ.

ނިމިދިޔަ ސަރުކާރުގައި ފެނަކައިން ހިންގާފައިވާ ކޮރަޕްޝަނުގެ ވާހަކަތައް މުއާޒު ދޭތެރެ ދޭތެރެއިން މީޑިއާއަށް ތިލަކުރެ އެވެ. ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އުސޫލުން ބޭރުން އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. ސައިދާ ގުޅޭ ގޮތުން އާދަޔާ ހިލާފަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށް އޭސީސީން ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވެ އެވެ. ސައީދަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މަޖިލީސް މެންބަރުން ދަނީ ގޮވާލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!