ޓޯކުރަނިކޮށް ގެއްލުން ލިބުނު ޓެކްސީއެއް މަރާމާތުކޮށް, މައްސަލަ ތަހުގީގު ކުރަނީ
ގަވާއިދާއި ހިލާފުވި ޓެކްސީއެއް ޓޯ ކުރަނިކޮށް ފުލުހުންގެ ފަރާތުން ލިބުނު ގެއްލުންތައް މަރާމާތުކޮށް, އެކަން ހިނގި ގޮތް ތަހުގީގު ކުރާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ޓޯ ކުރި ޓެކްސީއަކަށް ލިބުނު ގެއްލުންތަކުގެ ފޮޓޯއާއިއެކު ސޯޝަލް މީޑިއާގައި މީހަކު ވަނީ ޕޯސްޓެއް އާންމުކޮށްފަ އެވެ. ފޭސްބުކްގައި ކުރި މި ޕޯސްޓު ފަހުން ވަނީ ޓުވިޓާގައިވެސް އާންމުކޮށްފަ އެވެ.
އެ ޕޯސްޓުގައި ވަނީ މިއީ ރާއްޖެ ނޫން ކޮން ގައުމެއްގައި ވެހިކަލް ޓޯ ކުރާ ގޮތްތޯ ސުވާލު އުފައްދައިފަ އެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޮންމެވެސް މުއައްސަސާއަކަށް މައްސަލަ ލައިގެން އެތައް އަހަރެއް ހޭދަވާނެކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
މި ވާހަކަތަކާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ ކާރަށް ލިބުނު ގެއްލުންތައް ރަނގަޅު ކުރަން ވެރި ފަރާތަށް އެހީވެދޭނެ ކަމަށެވެ.
“އަދި މިކަން ހިނގާ ދިޔަގޮތުގެ ތަހުގީގެއް ފުލުހުން ދަނީ ކުރަމުން”
އެއްގަމު އުޅަނދު ޓޯކުރަނީ ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސައް އުނދަގޫ ވާގޮތަށް ޕާކުކޮށްފައި ހުރުމުންނެވެ. މިމައްސަލައިގައި ޓެކްސީ ޓޯކުރީ ރަށްދެބައި މަގުގައި, ގައުމީ ޔުނިވަސިޓީ ކައިރީ ސައިކަލު ޒޯނެއްގައި ޕާކުކޮށްފައި އޮތުމުންނެވެ.
އެއްގަމު އުޅަނދުގެ ގަވާއިދުގައި ބުނާ ގޮތުން ޓޯކުރުމުގެ ތެރޭގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ނަގަން ޖެހޭނީ ޓޯކުރާ ފަރާތުންނެވެ.
ގަވާއިދާއި ހިލާފަށް ޕާކު ކުރުމުގެ މައްސަލަ ބޮޑުވެ ޓްރާސްޕޯޓު މިނިސްޓްރީއާއި ޕޮލިހުން ގުޅިގެން މިދިޔަ މެއި މަހާއި ޖޫން މަހު ގިނަ އަދަދެއްގެ ވެހިކަލްތަކެއް ޓޯ ކުރި އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ބަސްތަކަށާއި އެމްބިއުލާންސްގެ ހިދުމަތް ދޭން އުނދަގޫވާތީ އެވެ.
މި އޮޕަރޭޝަން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.