ރިޕޯޓް

ކޮވިޑް19: ޗައިނާ އިން ވައިރަސް ކޮންޓްރޯލް ކުރީ ކިހިނެއް؟

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ އުފެދިގެން އައީ ޗައިނާގެ ވޫހާންގެ މާރުކޭޓަކުންނެވެ. މިއާއެކު އަރައިގެން ދިޔަ ނަގޫރޯޅިއެއްހެން އެ ވައިރަސް މުޅި ވޫހާން ފަތަހަ ކުރިއެވެ. ވޫހާންގެ ހަލަބޮލިކަން ނުރައްކަލުން ވަށާލާ ، ޗައިނާގެ ގަދަ ފަދަ އިގްތިސާދަށް ލޮޅުން އަރުވާލިއެވެ. ޗައިނާއަށް ކުރިމަތިވި މި ކުއްލި ސިހުމާއެކު އެގައުމުން އަވަސް ފިޔަވަޅުތަކެއް އެޅިއެވެ. ބޮޑެތި ހޮސްޕިޓަލްތައް އެންމެ ދިހަ ވަރަކަށް ދުވަސް ތެރޭގައި ވުޖޫދުކުރިއެވެ. ވޫހާން ހިމެނޭ ހުބާއީ ސިޓީ އެއްކޮށް ހުއްޓުމަކަށް ގެނެސް ތަޅު އަޅުވާލިއެވެ. މި އަވަސް ފިޔަވަޅުތަކާއެކު ހަލަބޮލި ޗައިނާއިން ވަނީ އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކޮށްފައެވެ.

Ads by Sosun Fihaara

ވޫހާންގެ ބަތަލުން ކަމަށްވާ ޑޮކްޓަރުންނާއި އެހެން ޚިދުމަތްތެރީން ، އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމީހުންގެ ފޮޓޯތަކުން އެ ސަރަޙައްދުގެ އުސް އިމާރާތްތައް ދިއްލާލާ ވައިރަސްގެ އަދިރިކަން ގެނުވި ޗައިނާ މިހާރު ވަނީ އަލިކޮށްލާފައެވެ. ހަމަ އެހެންމެ ތަޅުއަޅުވާލި ހުބާއީއަށް ލުއިތަކެއް ދީ ބައެއް ޚިދުމަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ހޯދި މިބޮޑު ކާމިޔާބީ ފާހަގަކޮށް ޗައިނާގެ މީޑީއާއެއް ކަމަށްވާ ސީޖީޓީއެންގެ ހުށަހެޅުންތެރިޔާ ޒޫ ޔޫ ވަނީ ފުރިހަމަ ރިޕޯޓެއް ގެނެސްދީފައެވެ. މިއީ އެރިޕޯޓްގެ ވާހަކަތައް ހިމެނޭ ލިޔުމެކެވެ.

ކޮވިޑް19 އަކީ ވަކި ގައުމަކަށް ، ވަކި މުޖުތަމައަކަށް ނުވަތަ ވަކި ޘަގާފަތުގެ ތަފާތެއް ނެތި ދުނިޔޭގެ ގައުމުތައް ''ހަމަހަމަކުރި'' ބިރުވެރި ، ބަލިމަޑުކަމެކެވެ. މި ބަލިމަޑުކަމާއި ކުރިމަތިލާއިރު މުހިންމު ކަމަކީ އެކަން ހިނގި ގޮތެއް ނޫނެވެ. މުހިންމީ އެކަމާއި ކުރިމަތިލާ ގޮތެވެ.

މަހެއްހައި ދުވަސް ވަންދެން ހަމަ ކޮންމެ ދުވަހަކު ވޫހާންގެ އެތައް ހާސް ބަޔަކު ކޮވިޑް19ގެ ބަލިމަޑުކަމުގެ ޝިކާރައަކަށް ވިއެވެ. އަދި އެ ސިޓީގެ ހުރިހާ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރާލިއެވެ. ނަމަވެސް މިހާރު އެސިޓީގެ ހޮސްޕިޓަލްތަކުން ފެންނަނީ ހުސް އެނދުތަކާއި ހުސް ވޯޑްތަކެވެ. ޗައިނާއިން މި ބަދަލު ގެނައީ ކިހިނެއް ހެއްޔެވެ؟

ދުނިޔޭގެ ޞިއްޙަތާއި ގުޅޭ ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ކޮވިޑް19 އާއި ގުޅިގެން އެންމެ ފުރަތަމަ ނެރުނު ރިޕޯޓް ބުނާ ގޮތުގައި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެވްރެޖްކޮށް 2.6 މީހުންނަށް އެ ބަލި ފޯރައެވެ. މި ނިސްބަތުން ބަލާއިރު ހައެއްކަ ދުވަސްތެރޭގައި ހަތަރު ހާހެއްހާ މީހުންނަށް މިބަލި ވާރުތަވެއެވެ. މިހެން ގޮސް މިއަދަދުތައް އެތައް ހާހަކުން އިތުރު ވެގެންދާކަން ދުނިޔެ ދައްކަމުންދާ މަންޒަރު ތަކުން ފެނެއެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ކުރިކަމަކީ ބަލި ވާރުތަ ކުރުން ހުއްޓުވުމުގެ ގޮތުން އެކަކު އަނެކަކާ ކުރާ މުއާމަލާތް ހުއްޓުވާ ލުމެވެ. މިހާރު އާންމުވެފައިވާ ''ލޮކްޑައުން''ގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމެވެ.

ބައެއް މީހުންގެ ނަޒަރުގައި ''ލޮކްޑައުން''ކުރުމަކީ ފަރުދީ ހައްގަށް އުނިކަން ލިބޭ ކަމެކެވެ. ހަގީގަތުގައި ފަރުދީ މިނިވަންކަމާއި އާންމުންގެ ރައްކާތެރިކަމަކީ ބަދަލުވާ ''އީކުއޭޝަނެކެވެ.'' މަޝްހޫރު ''ނައިން އިލެވެން''ގެ ހާދިޘާއަށްފަހު ފަސިންޖަރުން ޗެކް ކުރުން ހުރިހައި ގައުމެއްގެ އެއާޕޯޓްތަކުގައި ވެސް އިތުރަށް ހަރުދަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް ކުރިއެވެ. މިއާއެކު އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފަރުދީ މިނިވަންކަމުގެ ބައެއް ދީގެން ކުރި މި ވިޔަފާރި އަކީ ފައިދާ ހުރި ވިޔަފާރިއެއް ކަމަށް މީހުން ބަލައިގަތެވެ.

ކޮވިޑް19 އާއި ގުޅިގެން ޗައިނާއިން އެޅި ކަރަންޓީނުގެ ފިޔަވަޅަކީ ދުނިޔޭގައި މިހާތަނަށް އެޅި މިފަދަ އެންމެ ބޮޑު ފިޔަވަޅެވެ. ފެކްޓްރީތައް ބަންދުކޮށް ދަތުރުފަތުރުގެ ވިއުގަތައް ހުއްޓާލުމާއެކު އާންމުން ގޭގައި ތިބުމަށް މަޖުބޫރު ކުރިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އުފުލެމުން ދިޔަ ބަލިހާލަތު އަންގައިދޭ ޗާޓުގެ ރޮގުތައް ތިރިއަށް ހިފާލިއެވެ. ނުވަތަ މިލިއަނުން ފެތުރި ، އެތައް ހާސް މީހުންގެ ފުރާނަ ގެއްލިދާނެ ކަމަށް ހީވި ، މިވައިރަހުގެ ބިރުވެރިކަން ކުޑަވިއެވެ.

މިވައިރަހުގެ ނުރައްކަލުން އަރައިގަތުމަށް ޔޫރަޕާއި އެމެރިކާ ދަސްކުރަންވީ ފިލާވަޅަކީ މިއީއެވެ.

ރައްކާތެރިކަމުގެ އުސޫލުތަކާއި ފިޔަވަޅުތަކަކީ ފިޔަވަޅު އަޅާ ފަރާތްތަކާއި އެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ތިބި އާންމުން ބަލައިގަނެ އެއަށް އަމަލުކުރާ ކަންކަމަށް ވާން ޖެހޭނެއެވެ. އެކަހެރިވެ ނުވަތަ ބަންދު ވެގެން ކަރަންޓީނު ކުރުމަކީ ޝައްކެއް ވެސް ނެތް ގޮތުގައި އުނދަގޫ ކަމެކެވެ. އެއީ ''ލޮކްޑައުން''ވެ އާންމުންގެ އެއްބާރުލުން ބޭނުންވާނެ ކަމެކެވެ. މިފަދައިން އަމަލުކޮށް ވޫހާންގެ ރައްޔިތުން ދައްކައިދިނީ ލާމަސީލު މިސާލެކެވެ. އެތައް ހަފްތާއެއް ވަންދެން އަމިއްލައަށް ކަރަންޓީނުވެ ތިބުމުގެ ހިތްވަރު އެމީހުން ދެއްކިއެވެ.

ކޮންމެ ގައުމަކީ ވެސް އެބައެއްގެ އުސޫލުތަކާއި ޘަގާފަތް ތަފާތު ގައުމުތަކެވެ. ވުމާއެކު ސިއްހީ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ ހާލަތާއި ގުޅޭ ގޮތުން އަޅާ ފިޔަވަޅު ތަކެކެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން ސަލާމަތްވުމަށް ކޮންމެ ގައުމަކަށް ބޭނުންވަނީ އެގައުމެއްގެ ސިޔާސީ އިސްވާރުންނާއި ވިޔަފާރިވެރީންނާއި އާންމުން އަމަލު ކުރުމަށް އެއްބަސްވާ ފިޔަވަޅުތަކުގެ ''އެގްރީމެންޓެކެވެ.'' ަމާޔޫސީ ހާލަތުގައި އަޅާނީ އަމަލު ކުރުމުގައި މާޔޫސްވާ ފިޔަވަޅު ތަކެކެވެ. މިއަދުގެ ހާލަތަކީ އެފަދަ މާޔޫސީ ހާލަތެކެވެ. ސިޔާސީ ކަންކަމަށް ވުރެ އާންމުންގެ ރައްކާތެރިކަން އިސް ކުރަން ވާނެއެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ކުރިން ދުވަހަކު ވެސް އިސް ނުކުރާ މިންވަރަށެވެ.

އެކި މީހުންގެ ނަޒަރުގައި ކޮރޯނާ ވައިރަހުން އަންގައިދެނީ އެކި ފިލާވަޅު ތަކެވެ. އެމެރިކާގެ ރައީސް ބުނާ ގޮތުގައި ކޮރޯނާ ވައިރަހުން އަންގައިދެނީ ހަރުދަނާ ބޯޑަރ ނިޒާމެއް ބޭނުންވާ ކަމެވެ. އެގައުމުގެ ސެނެޓާ ، ބާނީ ސެންޑާސް ކޮރޯނާ ވައިރަހާއި ގުޅުވަނީ ހިލޭ ބޭސް ފަރުވާއާއެވެ.

ކޮންމެ ގައުމަކުން ވެސް ރައްކާތެރިކަމުގެ އެތަކެއް ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ބައެއް ގައުމުތަކުގައި ގެއްލުން ބޮޑުވާއިރު އަނެއް ގައުމުތަކުން ދަނީ މިކަމުން އަރައިގަތުމުގެމަރުހަލާއާއި ދިމާއަށް ދަތުރު ކުރަމުންނެވެ. ބައެއް ގައުމުތަކުން އިބްރަތެއް ހާސިލް ކުރިއިރު އަނެއް ގައުމުތަކުން ދަނީ ފިލާވަޅު ލިބިގަންނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!