ޓްރެފިކް މައްސަލަ ގޯސްވީ ކުރީ ސަރުކާރުތަކުން ކަން ކުރި ގޮތުން: އަމީން
ދިރިނޫޅެވޭ މިންވަރަށް ވަރަށް މާލެ ސަރަހައްދުގައި ޓްރެފިކްގެ މައްސަލަ ގޯސްވެފައި ވަނީ ކުރީގެ ސަރުކާރުތަކުން އެކަމުގައި އަމަލުކުރި ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވިއިރު، ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ޕާކުކޮށްފައިވާ ގިނަ އަދަދަދެއްގެ ރޭސިން ކާރުތަކެއް އިއްޔެ ވަނީ ޓޯ ކޮށްފަ އެވެ. އެކަމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާ އެކު، މާލެ ސަރަަހައްދުގައި ދުއްވުމަށް ކާރު ރަޖިސްޓްރީ ނުކުރެވޭތީ ބައެއް ޑްރައިވަރުން ވަނީ ރޭ މާލޭގައި މުޒާހަރާކޮށްފަ އެވެ.
ރަސްމީ އެކައުންޓުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި އަމީން ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވުމާ ގުޅިގެން ދިރިއުޅުމަށް ދަތިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ގަރާޖު ސިޓީތައް ދޫކޮށް، ރަޖިސްޓްރީ ނުކުރާ ވެހިކަލްތައް ބޭނުންކުރުން އާންމު ކަަމަކަށް ހެދީ ކުރީގެ ސަރުކާރުތަކުން ކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވި ގޮތުގައި އެކަންކަމަކީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމުގަ އެވެ.
މައްސަލައަށް ފަސޭހައިން ހައްލެއް ހޯދެން ނެތް ނަމަވެސް މިނިސްޓަރު ވަނީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ފައިދާވާނެ ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.
އަމީން ވަނީ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި އާންމުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މާލެ މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް މި ސަރުކާރުން ކުރިއަށް ގެންދާ "މާލެ ފަހި" ޕްރޮގްރާމް މިދިޔަ މަހު ވަނީ އިފުތިތާހުކޮށްފަ އެވެ.
ވަރަށް ބޮޑަށް އެދެން ރައްޔިތުންގެ ހިޔާލުތައް ބަލާ ޕާކް ކުރުންވެސް ރައްޔިތުންގެ ހިޔާލުތައް ބަލާލު ރަނގަޅު ކަމަށް ދެކެމެވެ.