ކޮވިޑް19: ބޭރަށް ނުދެވޭތީ ގޭތެރޭގައި މެރެތަންއެއް ފުރިހަމަކޮށްފި
ކޮވިޑް19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރި ގިިނަ ބައެއްގެ ދިރިއުޅުން މިވަނީ ހުއްޓުމަަކަށް އައިސްފައެވެ. ވައިރަހުން ރައްކާތެރިވުމަށް އޮތް އެންމެ ރައްކާތެރިގޮތަކީ ސޯޝަލްޑިސްޓެންސިން ކަމަށްވެފައި ގިނަ ބަޔަކަށް މިވަނީ ގޭގައި ތިބެން މަޖުބޫރުވެފައެވެ. ނަމަވެސް ގޭގައި ތިބެ ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ކުރާ ކަންތައްތައް ކޮންމެވެސް ސިފައެއްގައި ކުރެވޭނެކަން މި މީހާ ވަނީ ދުނިޔެއަށް ހާމަކޮށްދީފައެވެ.
އާންމުކޮށް ކޮންމެ ދުވަހަކުހެން ދުވެ އުޅޭ ފްރާންސް ގެ އެލީޝާ ނޮކޮމޮވިޓްޒް މިވަނީ ގޭގައި މަޑުކުރަން ޖެހުމުން ގޭގައި ވެސް މެރެތަންއެއް ފުރިހަމަކޮށްފައެވެ. ބޭރަށް ދުވަން ނުދެވޭތީ އެލީޝާ މެރެތަން ފުރިހަމަކުރީ ގޭގެ ބެލްކަނީ ގައި ދުވެގެންނެވެ. 23 ފޫޓުގެ ބެލްކަނީ ގައި 40 ކިލޯމީޓަރު ހަމަވަންދެން ދެކޮޅަށް ދުވުމަކީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އެލީޝާ ސިފަކޮށްފައިވެއެވެ.
ނަމަވެސް އޭނާ މިކަން ކުރަން ގަސްތުކުރީ ހާލަތުގެ ގޮތުން މަަޖާ އަދި ފައިދާ ކުރާ ކަމެއް ކޮށްލުމުގެ ގޮތުން ކަމުގައި އޭނާ ބުނެފައިވެއެވެ. އަބަދު އެއްތަނެއްގައި ގިނައިން ދުވަން ޖެހުމުން ހޮޑުލެވޭ ގޮތްވިކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި އޭނާގެ އަވަށްޓެރިންނަށް އުނދަގޫ ވެދާނެތީ ވެސް ބިރުގަތް ކަމަށާއި ނަމަވެސް ހިތްވަރު އެލުވާ ނުލައި މިކަން ފުރިހަމަ ކުރަން ބޭނުންވީ ކަމުގައި އޭޭނާ ބުނެފައިވެއެވެ.
އެލިޝާ އިތުރަށް ބުނި ގޮތުގައި އޭނާ ބޭނުންވީ މިހާލަތުގައި ވެސް ފިޓުކޮށް ހުރެވޭނެކަން މީހުންނަށް އަންގައިދިމުށެވެ. އަދި މިހާރުވެސް މެރެތަން އަކަށް އަމިއްލަ ނަފްސު ތައްޔާރުކުރަމުން އަންނައިރު ކޮންމެފަދަ ހާލަތެއްގައި ވެސް މެރެތަންއެއް ފުރިހަމަ ކުރެވޭނެކަން އޭނާގެ އަމިއްލަ ނަފްސަށް ޔަގީންކަން ލިބިފައިވާ ކަމަށް އެލީޝާ ބުނެފައިވެއެވެ.
އެލީޝާގެ މި މެރެތަންއާއެކު އޭނާ ވަނީ ގޭގައި ދުވުމުގެ ޗެލެންޖެއް ވެސް ފަށާފައެެވެ.