ކުޑަކުދިން ފިޔަވާ، ހައްޔަރުކުރާ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރަނީ
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ފިޔަވައި އެހެނިގެން މައްސަލަތަކުގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ވަނަވަރު ހާމަކުރާ ގޮތަށް ފުލުހުން އަމަލުކުރަމުންދާ އުސޫލަށް ބަދަލުގެނެސްފި އެވެ.
ފުލުހުން މީގެ ކުރިން އަމަލުކުރަމުންދާ އުސޫލުންނަމަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރަށްގެންދާ އެންމެންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މަސްތުވާތަކެއްޗާއި ޑްރަގު ފަދަ ބޮޑެތި މައްސަލަތަކުގައި ހައްޔަރަށް ގެންދާ މީހުންގެ ފޮޓޯއާ އެކު ވަނަވަރު ހާމަކުރެ އެވެ. އަދި އެކި މައްސަލަތަކުގައި ފުލުހުން ހޯދަން ބޭނުންވާ މީހުންގެ ވަނަވަރުވެސް ހާމަކުރެ އެވެ. ވަކި މައްސަލަތަކުގައި ވަނަވަރު ހާމަކުރާތީވެ އާއްމުންގެ ފާޑުކިޔުންވެސް ދޭތެރެ ދޭތެރެއިން އަމާޒުވެ އެވެ.
މި ފަހުން މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރަމުންދާތީވެ އެކަމާއި ގުޅޭ ގޮތުން ބަހެއް ހޯދާލަން ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ބަދަލުތައް ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ހައްޔަރަށްގެންދާ މީހުންގެ ވަނަވަރު ހާމަކުރަމުންދާނެ ކަމަށެވެ.
"ކުޑަކުދިން ފިޔަވާ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރަމުން ދާނަން" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ފަހުން ހިނގި ބޮޑެތި ތިން މައްސަލައެއްގައި ޝަމިލުވާ މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނާއި، ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ތިން މީހުންގެ އިތުރުން މިއަދު ވ. ބޮޑުމޮހޮރާ އިން ފުލުހުންގެ ބަނގުރަލާއެކު ހައްޔަރުކުރި ތިން މީހުންގެ ވަނަވަރުވެސް ހާމަކުރި އެވެ.