ހޯމް މިނިސްޓްރީ ދަށަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ ބަދަލުކޮށްފި

ހޯމްލޭންޑް ސެކިއުރިޓީގެ ދަށަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އެ ގޮތަށް އެމަނިކުފާނު ނިންމެވީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.
އަދި އެ ބަދަލު ގެނައުމަށް ސަރުކާރުގެ ކެބިނެޓުގައި މިނިސްޓަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެ ބަދަލު ގެނައުމަށް އެމަނިކުފާނަށް ލަފާ ދެއްވުމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ސަރުކާރުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީ ހިންގަމުން ގެންދިޔައީ ހަޔާ އެޑިއުކޭޝަން އެންޑް ލޭބާ މިނިސްޓްރީންނެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި އެއީ އިކޮނޮމިކް މިނިސްޓްރީ ދަށުން ހިންގި އިދާރާއެކެވެ.