ޚަބަރު

ތަރައްގީ ހުއްޓިފަ އޮތީ ސަރުކާރުގެ އެތެރޭގެ ކޯޅުމާ ހެދި: ޝާހިދު 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު/ ފޮޓޯ: އެމްޑީޕީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި ވަނީ ސަރުކާރުގެ އެތެރޭގެ ކޯޅުމާ ހެދި ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު ތުހުމަތު ކުރައްވައިފި އެވެ.

Ads by Hajj Corporation

ޝާހިދު، އެ ތުހުމަތުކުރީ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރަށް 9 މަސް ފުރިގެންދާއިރު ރައްޔިތުން ނިކުމެ ރަށު ތެރެ ބަލާލުމަށްފަހު އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހޭ ކަމަށެވެ.

"ތިމަންނަގެ މި ރަށުގައި ހިނގަމުން ދަނީ ތަރައްގީގެ ކޮން މަަޝްރޫއެއް ތޯ. ހަމަ އެއްކަމެއްވެސް ނުހިނގާ. ހުރިހާ ކަމެއް ހުއްޓިފައި"- އަބްދުالله ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި މ. ރަތްމަންދޫއަށް ވަޑައިގެން އެ ރަށާއި ރާއްޖޭގައި ހުރި ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހުއްޓިފައިވާތީ 'އެކްސް' ގައި އާއްމުކުރެއްވީ ވީޑިއޯއަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ އޭގެ ފަހުންވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްނުދާ ކަަމަށެވެ.

ބާރު ސްޕީޑްގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ސޯލިހުގެ ސަރުކާރުން ރަށްރަށް ހިއްކަން އަޅާފައި ހުރި ވެލިތައް ބާރު ސްޕީޑްގައި 'ކަނޑަށް ފައިބަމުންދާ' ކަމަށެވެ.

ޝާހިދު ވިދާޅުވީ ވަަށައިގެން ތޮށި ޖަހާލެވޭނެ ވައްޓަފާޅިއެއް ވެސް މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި މި ސަރުކާރުގެ އެތެރޭގެ ކޯޅުން ޓީވީތައް ބަލާލުމުން ފެންނަ ކަމަށާއި އެ ކޯޅުންތަކުގައި ދެއްކޭ ވާހަކަ ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ތަރައްގީ ހުއްޓިފައި މި ވަނީ ވިސްނުން ހުއްޓިފައި މިއޮތީ. ވިސްނުން ހުއްޓިފައި އޮތީ އެންމެ ދިމާލަކަށް އެއީ އެތެރޭގެ ކޯޅުމަށް. އަޅުގަނޑުމެން ޓީވީތައް ބަލާލީމާ މިހާރު ފެންނަމުން ދަނީ އެއްބަޔަކު އަނެއް ބަޔަކަށް އެތެރޭގެ ކޯޅުން އިންތިހާއަށް ގޮސް ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގޭ ހިސާބަށް ގޮސްފައި ވާތަން" - އަބްދުالله ޝާހިދު

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވިސްނުން މިއަދު ހުންނަން ޖެހޭނީ ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމާ ދިމާލަށް ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވަނީ ސަރުކާރުގެ އެތެރޭގެ ކޮޅުމާ ހެދި ކަމަށް ޝާހިދު ތުހުމަތު ކުރައްވާފައިވާއިރު، ބައެއް މަޝްރޫއުތައް މަޑުޖެހިފައިވަނީ ކުރީ ސަރުކާރުން ބަޖެޓުގައި ނުޖަހާ މަޝްރޫއުތައް ފަށާފައިވާތީ ކަމަށެވެ. ސަރުކާރުން ބުނާ ގޮތުގައި އޭގެ ތެރެއިން ގިނަ މަޝްރޫއުތަަކަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ފަށާފައިވާ މަޝްރޫއުތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!