އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި

އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ މަޝްރޫއުތަކާ ހަވާލުކުވެވަޑައިގެންފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެ މަޝްރޫއުތައް ހަވާލުކޮށްދެއްވާފައިވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.
އެ މަޝްރޫއުތަކަކީ މާޗް 18, 2019 ގައި ދިވެހި ސަރުކާރާއި އިންޑީއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރެވުނު 800 ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވާލުކޮށްފައިވަނީ އޭގެ ތެރެއިން މަސައްކަތް ނިމިފައިވާ 28 ރަށެއްގެ މަޝްރޫ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 21 ރަށެއްގެ ފެނުގެ ނިޒާމާއި ދެ ރަށެއްގެ ނަރުދަމާ ނިޒާމްގެ އިތުރުން 5 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫ އެވެ.
އެ މަޝްރޫއުގައި އިންޑިއާގެ 4 ކުންފުންޏަކުން މަސައްކަތް ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ވިޝްވަރާޖް އެންވާރްމެންޓް ޕްރައިވެޓް ލިމިޓެޑާޢި ޖޭއެމްސީ ޕްރޮޖެކްސްޓް ލިމިޑެޓާއި އެސްއެމްސީ އިންފްރާސްޓްރަކްްޗާ ޕްރައިވެޓް ލިމިޓެޑް އަދި ޓްރީވޭނީ އިންޖިއަނިއަރިން އެންޑް އިންޑަސްޓްރީ ލިމިޓެޑް އެވެ.