ޚަބަރު

ރައީސްގެ ހާރިޖީ ސިޔާސަތުން ގެންނާނީ އުޖާލާކަން: އަބްދުއްރަހީމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުން ގެންނާނެ ކަން ފެންނަނީ ރާއްޖޭގެ ކުރިމަގު ނިކަން އުޖާލާކޮށް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒުއާ ބައްދަލުކުރެއްވި މަންޒަރުތައް ފެންނަ ފޮޓޯތައް އެކްސްގައި ޕޯސްޓުކުރައްވައިފި އެވެ.

އެ ޕޯސްޓުގެ ކެޕްޝަނުގައި އަބްދުއްރަހީމް ލިޔުއްވީ ރައީސް ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ސަބަބުން "ދިވެހިންގެރާއްޖެ" ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށެވެ. "ދިވެހިންގެރާއްޖެ" އަކީ އަމިއްލަވަންތަ ދިވެހިވަންތަ ހާރިޖީ ސިޔާސަތު ނުވަތަ ޕްރޯ-މޯލްޑިވްސް ސިޔާސަތު ރަމްޒުކުރުމަށް ރިޔާސީ އިންތިހާބުގައި ރައީސް ގެންގުޅުއްވި ސްލޯގަން އެވެ.

"މަނިކުފާނު ތިޔަ ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންގެ ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް، ގައުމާ ރައްޔިތުންގެ ޙައްގުގައި ތިޔަކުރައްވާ މަސައްކަތްޕުޅަށާ ތިޔަ ދައްކަވާ ސާބިތުކަމަށް އައްސަރިބަހާ ސާބަސް ދަންނަވަން،" އަބްދުއްރަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއަށް ބުރަވާ ގޮތަށް އޮތް ހާރިޖީ ސިޔާސަތަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރައީސް މުއިއްޒު ލީޑުކުރައްވާ ޕީއެންސީން ވަރަށް ބޮޑަށް އޭރު ފާޑުކިޔާފައިވެ އެވެ.

މި ސަރުކާރުގައި އިންޑިއާއާ ގުޅުން ގޯސްވެގެންދާނެ ކަމަށް އަދި އިންޑިއާއާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރާނެ ކަމަށް ބުނި ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އެ ގައުމު ހިމެނޭހެން ގިނަ ގައުމުތަކާ އެކު ހާރިޖީ ގުޅުންތައް ވަރުގަދަ ކުރައްވަމުންނެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!