އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ޑްރަގު އަތުލައިގަނެފި

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުރި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް) ގެ ރަސްމީ އެކައުންޓުން މިރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، މަސްތުވާތަކެތި ހޯދާފައިވަނީ މިއަދު 17:13 ގައި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއްގެ އަތުން ކަމަށެވެ.
އޭނާ އަތުން އެތަކެތި ހޯދީ އޭވިއޭޝަން ކޮމާންޑުން ބަލާ ފާސްކުރުމުގެ ތެރޭގަ އެވެ.
އެވްސެކޮމް އިން ބުނީ އެ މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓު ފެނިފައިވާ ކަމަށެވެ. ކަމާއި ބެހޭ ފަރާތްތަކާ އެ މީހާ ހަވާލުކޮށްފައިވާ ކަމަށް އެވްސެކޮމް އިން ބުންޏެވެ.
އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.