މިފްކޯއަށް ރަނގަޅު ގޮތް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނަން: ޗެއާމަން
ޒަމާނީ ވަސީލަތްތަކާއެކު ފައިދާގައި ހިނގާ ހަރުދަނާ ކުންފުންޏަކަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހެދުމަށް އެކުންފުނީގެ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދޭނެކަމަށް މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޗެއާމަން އަހުމަދު ޝަރީފް އެެހެން ވިދާޅުވީ ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ބޭއްވި "މިފްކޯ އިފިޝެންސީ އެކްސަސައިޒް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ރިފޯމް އެޖެންޑާއިން ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިފްކޯގެ މެނޭޖުމެންޓުން މިހާތަނަށް ކުރުމަކީ އިސްރާފް ކުޑަކުރުމަށް އެޅުނު އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި މެނޭޖުމެންޓަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި ހިންގުމުގެ ތެރެއިން ދަތިވާ ކަންކަން ހައްލުކުރުމާއި، ލާބަ ހުރި ގޮތްތައް ނިންމުމަށް ބޯޑު ލެވެލްގައި ބޯޑު މެންބަރުންގެ މެދުގައި އަބަދުވެސް މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"މުވައްޒަފުންނަށާއި ކުންފުންޏަށް އޮތް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމުގައި އަޅުގަނޑު މިހުރީ ސަރުކާރާއި ގުޅިގެން ބޯޑު ލެވެލްގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް. އިރާދަކުރެއްވިއްޔާ ބޯޑުގެ ނިންމުންތައް ބިނާވާނީ ކުންފުނީގެ ކުރިމަގަށް ވަރަށް ބޮޑަށް ވިސްނާފަ" ޝަރީފް ވިދާޅުވި އެވެ.
އެފަދަ މަހާސިންތާ ތަކުގެ ސަބަބުން ކަންކަން އޮންނަ ގޮތާއި، ކަން ހިނގަމުން އަންނަ ގޮތް ސާފުވެގެންދާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އަދި މި އެކްސަސައިޒްގެ ތެރެއިން ހިއުމަން ރިސޯސަށް މެނޭޖުމަންޓާއި ޓެކްނިކަލް އަދި އިންޖީނިއަރިންގެ ދާއިރާއަށް ސަމާލުކަން ދިނުމުގެ އިތުރުން އައު މާކެޓްތައް ހޯދުމުގައި މެނޭޖްމެންޓުން ކުރާ މަސައްކަތުގައި ޕޮލިސީ ލެވެލްގައިވެސް ގިނަ ނިންމުންތަކެއް ނިންމަން ޖެހޭކަން ޝަރީފް ވިދާޅުވި އެވެ.
ކާލާނެ