ފްލެޓު ލިސްޓު މުރާޖާއާކުރާނީ ކައުންސިލުވެސް ބައިވެރިކޮށްގެން: ރައީސް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އިވެލުއޭޓް ކުރުމުގައި މާލެ ސިޓީ ކައުންސިލުގެ ބައިވެރިވުންވެސް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ކުރީގެ މޭޔަރުކަންވެސް ކުރެއްވި ރައީސް މުއިއްޒު އެހެން ވިދާޅުވީ މިއަދު ސިޓީ ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ. އަދި އެންމެ ގިނަ މީހުން ތޮއްޖެހިފައި އޮތް ތަނަކީ ވެރިރަށް މާލެ ކަމަށްވާއިރު އެ މައްސަލައަކީ ޒަމާންވަންދެން ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލައެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ބޯހިޔާވަހިކަމަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ ވައުދުފުޅުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނީ ކައުންސިލަށް އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ ދައުރު އޮވެގެން ކަމަށެވެ. އަދި އެއީ އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓް ހަވާލުކޮށްދިނުމަށް ރައީސް އަރިހުން އެދިވަޑައިގަންނަވާފަ އެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އުވާނުލާނެ ކަމަށާއި އެކަމަކު ރިވިއުކޮށް ދާއިމީ ލިސްޓު، ފްލެޓްތަކުގެ މަސައްކަތް ނިމެންވާއިރަށް އާއްމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެފައިވެ އެވެ.
އާޒިމްގެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ފްލެޓް ލިސްޓް އީވެލުއޭޓްކުރުމުގެ މަރުހަލާ ކަމަށެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ ކައުންސިލްގެ ފަރާތުން ކޮމިޓީއެއް ނަގަން އެދުނު ކަމަށާއި، ހައުސިން މިނިސްޓްރީއިން ކުރިއަށްގެންދާ މަރުހަލާގައި ކައުންސިލްގެ ބައިވެރިވުންވެސް އޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިމެނޭ ކަމަށާއި ފްލެޓް އެޅުމާއި ގޯތި ދިނުމަކީ އެންމެ އިސްކަން ދޭނެ މަޝްރޫއުތަކެއް ކަމަށެވެ.
ރައްޔިތުންގެ ހާލަތު އެންމެ އިތުބާރު ހުރި ގޮތުގައި ސާފު ކޮށްދޭނެ ބަޔަކަށް ކައުންސިލުވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި އެންމެ ހާލުގައި އުޅޭ މީހުން ފާހަގަކުރުމުގެ މަރުހަލާގައި ކައުންސިލަރުން ބައިވެރިވާން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.