ޚަބަރު

މި އަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަން ޖެހިދާނެ: ނާޒިމް

އަލީ ސަމާޙް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލީސް

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ދައުލަތުގެ ބަޖެޓު ޑެފިސިޓްވެ ހަރަދުތައް ފޫބައްދަން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މާލިއްޔަތުގައި ކޮމިޓީގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވީ ބަޖެޓު ޑެފިސިޓަށް ދާނެކަން އެނގޭނީ މި މަސް ނިމުނީމަ ކަމަށް ފިިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތަށް ނިންމާނީ މި މަހު ދައުލަތަށް ލިބޭ އާމްދަނީ ބެލުމަށް ފަހު ކަމަށް މިނިސްޓަރު ޝަފީގް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް މާލިއްޔަތު ކޮމިޓީން ހޯދި ހޯދުމުން މި އަހަރުގެ ބަޖެޓް ޑެފިސިޓް ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މި އަހަރުގެ ބަޖެޓް ޑެފިސިޓް ވާނެ ބަލާ ބެލުމުގައި، ސަޕްލިމެންޓަރީ ބަޖެޓުވެސް ހުށަހަޅަން ޖެހިދާ ހިސާބަށްވެސް ގޮސްދާނެ" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކަންޏާ 1.1 ބިލިއަން ޑެފިސިޓްވޭ" ނާޒިމް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ޝަފީގު ވަނީ މި އަހަރުގެ ބަޖެޓް ޑެފިސިޓު ހަމަޖައްސަން ބޭނުންވާ ފައިނޭންސިންއަށް ވަރަށް ބޮޑު ދަތިތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. މި އަހަރުގެ ބަޖެޓަކީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ހަމައެހެން ފާއިތުވެދިޔަ ދެ އަހަރު ވެސް ފާސްކޮށްފައި ވަނީ ޑެފިސިޓް ބޮޑު ބަޖެޓެކެވެ.

ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު އޭގެ ތެރެއިން 70 އިންސައްތަ ހޭދަކުރަނީ ރިކަރަންޓު ހަރަދުތައް ފޫބެއްދުމަށެވެ. މިނިސްޓްރީން އެންމެ ފަހު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް .15.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!