ބޭރު ދުނިޔެ

ކޮވިޑް19: ލޯބިވާ އާއިލާގެ މެމްބަރަކު ގެއްލުނަ ނުދިނުމަށް ޓަކައި ވެސް ގޭގައި މަޑުކޮށްލަދީ : މަރުވި ބައްޕަގެ އާއިލާ

ދެން އެމްވީ

ކޮވިޑްގެ ނުރައްކާ މިވަނީ މުޅި ދުނިޔެ ނާމާން ކޮށްލާފައެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މި ބަލީގައި ދުނިޔެ ދޫކުރަމުންދާއިރު މި ބަލިން ރައްކާތެރިވުމަށް ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރި ވަމުންނެވެ.

މިގޮތުން ގިނަގިނައިން އަތް ދޮވުމަށާއި އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމުގެ ގޮތުން ގޭގައި އެކަހެރިވެގެން ތިބުމަށް ކުރާ އިލްތިމާސަކީ ތަކުރާރުކޮށް ކުރަމުންދާ އިލްތިމާސެވެ.

އިނގެރޭސިވިލާތުގެ ބާމިންހަމްއަށް ނިސްބަތްވާ އުމުރުން 82 އަހަރުގެ ބައްޕަ އަދި ކާފައެއް ކަމަށްވާ ބާންހަމް ރޮބާޓްސް ، ކޮރޯނާ ވައިރަސް ޖެހި ދުނިޔެ ދޫކޮށް ދާން ޖެހުމުން އޭނާގެ އާއިލާ އިން ދިން މެސެޖަކީ ވެސް އެއީއެވެ. ކޮރޯނާ ވައިރަހުގެ ޝިކާރައަކަށްވެ އާއިލާގެ ލޯބިވާ މެމްބަރަކު ގެއްލުނަ ނުދިނުމަށް ޓަކައި ވެސް ގޭގައި މަޑުކޮށްލާށެވެ.

އިޙްސާންތެރިކަމާއި ހިތްހެޔޮ ކަމުން އޭނާ ދިރިއުޅޭ ސަރަޙައްދުގެ އެންމެންގެ ވެސް ލޯބި ލިބިފައިވާ ރޮބަޓްސްއަކީ ބަސް ޑުރައިވަރެކެވެ. ހަކުރު ބަލީގެ މީހެއް ނަމަވެސް އުމުރުގެ ފަހުކޮޅުގައި ވެސް ފަތާ، ކަސްރަތު ކުރާތީ އޭނާއަކީ ދުޅަހެޔޮ މީހެކެވެ.

ރޮބާޓްސްއަށް ދިމާވި ހާދިސާ މީޑިއާއާއި ހިއްސާ ކުރަމުން އޭނާގެ އަންހެން ދަރިއެއް ކަމަށްވާ ޗެރެއްލޭ ބުނީ ބައްޕަ ހޮސްޕިޓަލަށް ގެންދިޔައީ ސްޓްރޯކެއް ޖެހިގެން ކަމަށާއި އަދި ހޮސްޕިޓަލުން ޓެސްޓްތަކެއް ހެދުމަށްފަހު ބައްޕައަށް ނިއުމޯނިއާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނ ިކަމަށެވެ. ނަމަވެސް ފަހުން ނޭވާލުމުގެ ކަންކަން ބަދަލުވެ ކޮރޯނާގެ ނިޝާންތައް ފެނުނު ކަމަށް އޭނާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!