ސެމިނާގެ ހަވާސާގައި އައިޕީޔޫގެ ރައީސްއާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައްދަލު ކުރައްވައިފި
ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ އިންޓަ ރީޖަނަލް ސެމިނާގެ ހާވާސާގައި އިންޓަ ޕާލިއަމަންޓަރީ ޔުނިއަން (އައިޕީޔޫ) ގެ ރައީސް ޑރ. ޓޫލިއާ އެކްޝަނާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލުކުރައްވައިފި އެވެ.
އެ ސެމިނާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތާ ގުޅޭ ގޮތުން، މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމުގައިވާ ގޮތުން އައިޕީޔޫގެ ރައީސްގެ އިތުރުން އެ ޔުނިއަންގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް އަބްދުއްރަހީމް ބައްދަލު ކުރެއްވި އެވެ.
ސެމިނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައިޕީޔޫގެ ރައީސާއި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއަރމަންއާއެކު ހާއްސަ ބައްދަލުވެއް ބޭއްވެވި ކަމަށް މަޖިލީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ ރާއްޖެ-ޗައިނާގެ ގުޅުމަށެވެ. އެ ގޮތުން ވަން ޗައިނާގެ ސިޔާސަތަށް ރާއްޖޭން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވި އެވެ.
"ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް" ނަމުގައި ބޭއްވި އެ ސެމިނާއަކީ ތަރައްގީ ވަމުން އަންނަ ގައުުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަމުންދާ މިންވަރު ދެނެގަތުމަށް ގެންދާ ސެމިނާ އެކެވެ.