މިނިސްޓްރީ އާއި މެމްބަރުންގެ ކަންބޮޑުވުން؛ އާބަން ޑިވެލޮޕްމަންޓް ބިލުން ބާރުތައް ހަނިވޭ
އާބަން ޑިވެލޮޕްމަންޓް ބިލު މިހާރު އޮތް ގޮތުން ކައުންސިލުތަކަށް ދީފައިވާ ބާރުތައް ހަނިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ލޯކަލް ގަވަމެންޓް މިނިސްޓްރީންނާއި މަޖިލިހުގެ މެމްބަރުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ. ޖޮއިންޓް ކޮމިޓީގެ ހަ ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އާބަން ޑިވެލޮޕްމަންޓް ބިލު ދިރާސާ ކުރުމުގެ ތެރެއިން ކޮމިޓީގެ މެމްބަރުންނަށް ފާހަގަކުރެވުނު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމެވެ.
ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ސަމީރު ވަނީ ބިލުގައި ހިމަނާފައިވާ "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" އުފެއްދުމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ރަށު ކައުންސިލުތަކާ އަދި އަތޮޅު ކައުންސިލުތަކުގެ ބާރުތައް ހަނިވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މެމްބަރުގެ އެ ކަންބޮޑުވުމާ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވެސް ތާއީދު ކުރެއްވި އެވެ.
"މީގެ ގިނަ ކަންތައްތަކަކީ އަތޮޅު ކައުންސިލާ އަދި ކައުންސިލުގެ އެހެނިހެން ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކައުންސިލުތައް އަބަދުވެސް ބާރުވެރި ކުރުވައި ކައުންސިލުތަކާ ވަރަށް ގާތްކޮށް ނިޒާމު ހިންގުން،" ހާޝިމް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ބިލުގައިވާ އޮތޯރިޓީ އުފެދިގެން އަންނައިރު، ކައުންސިލުތަކުގެ ބައިވެރިވުން އެކަމުގައި ނޯންނަ ކަމަށެވެ. ބައިވެރިވުން އޮތީ ހަމައެކަނި ވިލަރެސް ކުރުން ފަދަ ކަންކަމުގައި ކަމަށެވެ.
ބިލު ޑްރާފްޓް ކުރުމުގެ މަރުހަލާގައި އެ މިނިސްޓްރީގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި ބިލުގައި ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ގިނަ މާއްދާތަކެއް ހިމެނިފައިވާ ކަމަށެވެ. ވުމާ އެކު މިނިސްޓްރީން ބޭނުންވާ ކަންކަން ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގެންނެވި އެވެ.