ރިޕޯޓް

ކޮވިޑް19: ﷲގެ ގެކޮޅަށް އެއް ނުވެވޭއިރު ދެން އެއްވާން ޖެހޭތަނެއް ނޯންނާނެ! ގޭގަ މަޑުކޮށްލަމާ!

ދެން އެމްވީ ، ދެން އޮންލައިން

މި ބިންމަތީގައިވާ އެންމެ މަތިވެރި އަދި އެންމެ މާތްތަނަކީ މިސްކިތްތަކެވެ. އެއީ ބިންމަތީގައިވާ ﷲގެ ގެކޮޅެވެ. ހުރުމަތްތެރި ވެގެންވާ އިސްލާމީ ބިނާތަކެވެ. މިސްކިތަށް އެއްވެ ޖަމާޢަތުގައި ނަމާދުކުރުމަކީ ނަމާދުގެ ޘަވާބު އިތުރުވެގެން ދާ ކަމެވެ. މާތް ﷲގެ ރަހުމަތްފުޅުން މި ރާއްޖޭގައި މިސްކިތްތައް ބިނާކޮށް، ބަންގި ގޮވަމުންދާތާ 800އަށްވުރެ ގިނަ އަހަރު ވެއްޖެއެވެ. ޖަމާޢަތުގައި ނަމާދުކޮށް، ﷲ އަށް އަޅުކަންކުރަމުން ދާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. ޚާއްސަކޮށް ހުކުރު ނަމާދަށް މިސްކިތްތަކާއި މިސްކިތުގެ ބޭރު ފުރި ބާރުވެއެއެވެ.

Ads by MWSC

ނަމަވެސް މުޅި ދުނިޔޭގައި ހަލުވިކަމާއެކުގައި ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ނިންމި އެއް ނިންމުމަކީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމެވެ. ނަމާދަށް ބަންގި ގޮވި ނަމަވެސް ގޭގައި ނަމާދުކުރުމަށް ބަންގީގައި ގޮވާލުމެވެ. މިފަަދަ ނިންމުމެއް ސަރުކާރުން ނިންމަވާނީ ވަރަށް ގިނަ ވިސްނުންތަކާ އެކުގައިކަން ޔަޤީނެވެ.

ބަންގީގައި ގޭގައި ނަމާދުކުރުމަށް ގޮވާލުމާއި، މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލިކަން އިއުލާނުކޮށް އަދި ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިން އެކަމަށް ބާރު އަޅަމުން ދާނީ އެކަމުގެ މުހިންމުކަން މިވަގުތަށް އިންތިހާއަށް މުހިންމުވުމުންކަން ޔަޤީނެވެ. މުޅި ދުނިޔެއަށް ލޯ ހުޅުވާލާ އިރުވެސް މި ފެންނަނީ މި ފަދަ ހިތްދަތި މަންޒަރުތަކެކެވެ.

މިފަދަ ހިތްނުތަނަވަސް އަދި ހިތާމަވެރި ދަނޑިވަޅެއްގައި ހިތްދަތި ވާން ޖެހޭ ސަބަބުތައް މިއަށް ވުރެ މާގިނައެވެ. މި ކުޑަކުޑަ އާބާދީގެ މީހަކަށް ﷲގެ އިރާދަފުޅުން މި ބަލި ނުޖެހުނު ނަމަވެސް މި ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވް ވި މީހުން އެބަ އުޅެއެވެ. އަދި އެކަލާންގެ ދީލަތިވަންތަ ކަމާއި ޑަކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިންންގެ މިންނެތް މަސައްކަތުން އެ ބަލި ޖެހުނު މީހުން ދަނީ ބަލިން ފަސޭހަވަމުންނެވެ.

ނަމަވެސް ސިއްޙީ ޚިދުމަތްތެރިންގެ އާދޭހަކީ މިވަގުތު ގެއިން ބޭރަށް ނުނިކުތުމެވެ. ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތުގައި ނޫނީ ބޭރަށް ނުނިކުތުމަށެވެ. މި ބަލީގެ ނުރައްކާތެރިކަމުންނެވެ. މި ބަލި މި މާލޭގައި ފެތުރި ދާނެކަމުގެ ބިރަށްޓަކައެވެ. އެންމެ މީހެއްގެ ފަރުވާ ކުޑަކަމުން މުޅި މުޖުތަމައު ނުރައްކަލަށް ވެއްޓިދާނެ ކަމަށްޓަކައެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމަށްޓަކައެވެ. އަޅުގަނޑުމެންގެ ލޯބިވާ މައިން ބަފައިންނަަށްޓަކައެވެ. ލޮބުވެތި އަނބިންނާއި ދެލޯ ނޭދި އެދޭ ދަރިންނަށް ޓަކައެވެ.

ލޮބުވެތި ރައްޔިތުންނޭވެ. ނޫކަށި ފުރައިގެ ޒުވާނުންނޭވެ. މާލޭގެ މަގުތަކަށް ބަލައިލުމުން ފެންނަނީ މި ބަލިމަޑުކަމަށް މާކަ ބޮޑު ސަމާލުކަމެއް ނުދީ އުޅޭތަނެވެ. އެއްވާ މީހުން އެއްވަނީއެވެ. ދުއްވާ މީހުން ދުއްވަނީއެެވެ. ކެފޭތައް ބަންދުކުރުމުން ޓޭކް އަވޭތަކުގެ ކައިރީގައި ކިއު ދަމާލައިފިއެވެ. ފޭސްބުކްގައި ލޮކްޑައުން ވެފައި މަގުމަތީގައި ބުރު ޖަހަނީއެވެ. ޑަކްޓަރުންނާއި ސިއްޙީ މާހިރުންގެ އާދޭހަށް ދެނީ ބީރުކަންފަތެކެވެ.

މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކޮށްލަމާތޯއެވެ. އެއްކަލަ ފަރުވާ ކުޑަ މީހާގެ ލޭބަލް އެޅުނަ ނުދިނުމަށް އަޒުމު ކަނޑައަޅަމާ ހިނގާށެވެ. މުޅި ދުނިޔެއަށް ފެތުރެމުން މިދާ ވަބާއިން މި ކުޑަކުޑަ ޤައުމު ސަލާމަތްކޮށްދެއްވުމަށް އެދި ގިނަގިނައިން ދުއާ ކުރަމާ ހެއްޔެވެ.

މި ބިންމަތީގައި ހުރި ﷲގެ ގެގޮޅުތަކަށް އެއްވުން މިވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެހެން ކަމުން ދެން އެއްވާން ޖެހޭ އިތުރު ތަނެއް ނޯންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!