ޚަބަރު

މަސާޖު ޕާލާތަކުގެ ވެރިންގެ މައްސަލަ ބަލާނީ ހިއުމަންޓްރެފިކިން މައްސަލައެއް ގޮތުގަ: އިހުސާން

އަލީ ސަމާޙް ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މަސާޖު ޕާލާތައް ހިންގަން އެއްވެސް އިރަކު ހުއްދަ ދޫކޮށްފައިނުވާނެ ކަމަށާއި، އެފަދަ ތަންތަން ހިންގާ ދިވެހިންގެ މައްސަލަ ބަލާނީ ހިއުމަން ޓްރެފިކިން މައްސަލައެއްގެ ގޮތުގައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކާބޯތަކެތި ރައްކާތެރިކަމާއި ގުޅޭ ގޮތުން ސަރުކާރުގެ ގިނަ އިދާރާތަކެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ ޓާސްކު ފޯހުން އިއްޔެ ބޭއްވި ޕްރެސްބްރީފިންގައި މަސާޖުޕާލާތަކާ ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ސެލޫންގެ ނަމުގައި މަސާޖުގެ ހިދުމަތް ރަށްރަށުގެ އިތުރުން މާލޭގައި ދެމުންދާ ކަމަށެވެ. އެތަންތަނުގައި ބިދޭސީންލައްވާ ހަށިވިއްކުމުގެ ވިޔަފާރިވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ހުއްދަ ދޫކޮށްފައިވާ ވިޔަފާރީ ނޫން އެހެން ވިޔަފާރިއަކަށްވާތީވެ އެތަންތަން ހިންގަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޓާސްކު ފޯހުން ކުރާ ރެއިޑްތަކުގައި އެގޮތަށް ފާހަގަކުރެވޭ ތަންތަން ބަންދުކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެއީ ހުއްދަ ނުދޭ މަސައްކަތެއް ކުރުން. ހަށިވިއްކުން ނޫން ކަމުގައިވިޔަސް" އިހުސާން ވިދާޅުވީ ޕާލާތައް ބަންދުކޮށް އެތަންތަނުގެ ވެރިން ނުވަތަ ހަވާލުވެގެން ތިބޭ ދިވެހިންގެ މައްސަލަވެސް ދެ ގޮތަކަށް ބަލާނެ ކަމަށެވެ.

އެއް ކަމަކީ ހިއުމަން ޓްރެފިކިން އޭންގަލްއިން (ސްޕާތަކުގެ ވެރިން) ތަހުގީގުކުރަން ފަށާނަން - ހޯމް މިނސްޓަރު

އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް ޓާސްކު ފޯހުން އައިޑެންޓިފައި ކޮށްފައިވާ ކަމަށެވެ.

ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތްކުރުމާއި، ބިދޭސީން 'އެކޮސްޕޮލިއުޓް'ކުރާ ފަރާތްތަކުގެ އިތުރުން އިހުމާލުވާ ފަރާތްތަކާ މެދު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަޒީފާގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިހުމާލުވާ ފަރާތްތައް 50،000ރ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުން ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެނަމަ ތިން ފިޔަވަޅެއް އެޅޭނެ އެވެ. އެއް ފިޔަވަޅަކީ ބިދޭސީން މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމާ އިހުމާލުވާ ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.

ވަޒީފާދޭ ފަރާތުން ބިދޭސީންނާ މެދުގައި އިހުމާލުވި ކަމުގައި ބެލެވޭނެ ހާލަތްތައް ކަމުގައި ބިލުގައި ބުނެފައިވަނީ މުސާރަ ނުދިނުން އަދި ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުކުރުމެވެ.

އެ ބިލުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބޮޑު ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުންވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

Ads by HDC
  1. ބޮންޑާ

    ހިއުމަން ޓްރެފިކިން އެއް ނޫން އެއީ. މަސާޖު ޕާލާ ހުރުން މައްސަލައެއް ނޫން. ހަށި ނުވިއްކަންޏާ، ހުއްދަ ދެވެން ޖެހޭ.