ދުނިޔެ

މިއަންނަ މަހުން ފެށިގެން ޔޫއޭއީގައި ކުޑަކުދިންނާއި ދުވަސްވީ މީހުން ބަލާނީ ރޮބޮޓެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިޖުތިމާއީ ޚިދުމަތަށް ޚާއްޞަކޮށްގެން އުފައްދާ ރޮބަޓް ، "މިސާ''އަށް މަރުޙަބާ ކިޔަން އެކުވެރި އަރަބި ޢިމާރާތް (ޔޫއޭއީ) އިން ތައްޔާރު ވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި މި ރޮބޮޓް މިއަންނަ މަހުގެ 20 ވަނަ ދުވަހު އާންމުކޮށް ގަންނަށް ލިބޭނެއެވެ. މި ރޮބޮޓްގެ އަގަކީ 999 ދިރުހަމް ނުވަތަ ގާތްގަނޑަކަށް 270 ޔޫއެސް ޑޮލަރެވެ.

ޔޫއޭއީގެ މީޑިއާތަކުން ބުނާ ގޮތުގައި އިނގެރޭސި އާއި އަރަބީގެ އިތުރުން 9 ގައުމެއްގެ ބަހުން މި ރޮބޮޓް  ވާހަކަ ދައްކާނެއެވެ. އެއީ ފްރެންޗް، ޑަޗް، ޖާމަން، އިޓަލިއަން، ޕޯޗްގީޒް، ސްޕެނިޝް، މަންޑަރިން (ޗައިނީޒް)، ޖަޕަނީސް އަދި ކޮރެއަން އެވެ.

ރޮބަޓްގެ މައުލޫމާތު ހާމަ ކުރަމުން ކޯފައުންޑަރ ދީޕަކް ބަޓިއާ ، ޔޫއޭއީގެ މީޑިއާ ތަކަށް ބުނެފައިވަނީ މި ޕްރޮޖެކްޓަކީ އަތްފޯރާ ފަށެއްގައި އާއިލާތަކަށާއި ގޭގެއަށް ރޮބަޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ތައްޔާރު ކުރި ރޮބަޓެއް ކަމަށެވެ. އަދި މި ރޮބޮޓަކީ ރަޙުމަތްތެރިއެއް ނުވަތަ ކެމެރާމަނެއްގެ އިތުރުން އެހީތެރިވެދޭ ބައިވެރިއެއްގެ މަސައްކަތް ކޮށްދޭނެ އެއްޗެއް ކަމަށެވެ. ހަމައެހެންމެ މި ރޮބޮޓް ކިޔަވައިދީ ، ފޫހި ފިލުވައިދީ ހަދާނެ ކަމަށް ވެސް ދީޕަކް ބުނެފައިވެއެވެ.

ރޮބަޓް "މިސާ''ގައި ހައިޓެކް ސެންސަރުތަކެއް އެކުލެވިފައިވާއިރު 7 އިންޗި އައިޕީއެސް ޑިސްޕްލޭއެއް ހަރު ކުރެވިފައިވެއެވެ. މީގެ އިތުރުން އެތައް ހާސް ގަޑިއިރެއްގެ ޢިލްމީ ވީޑިއޯތަކާއި އެތައް ހާސް ގޭމާއި ފޮތް "މިސާ"ގައި ވެއެވެ.

"މިސާ''ގެ ބައެއް ސިފަތަކުގެ ތެރޭގައި އިހްސާސްތަކާއެކު މީހުންނާއި މުޢާމަލާތް ކުރުމާއި ވީޑިއޯ ކޯލް ކުރުމާއި ޗެޓް ކުރުމުގެ އިތުރުން ބައްދަލުވުންތައް ޝެޑިއުލް ކުރުން ހިމެނެއެވެ. މީގެ އިތުރުން މުސްކުޅިން ނުވަތަ ބަލިމީހުން ބަލާ މީހެއް ފަދައިން ބޭސް ބޭނުން ކުރިތޯ ބެލުމާއި ، އެކަމަށް ހަނދާން ކޮށްދިނުމާއި އެކަނި އުޅޭ މިފަދަ މީހުންގެ މައުލޫމާތު ވީޑިއޯ ކޯލްގެ ޒަރީއާއިން އެހެން މީހުންނަށް ފޯރު ކޮށް ދިނުމަކީ ވެސް "މިސާ" އަށް ކުރެވޭނެ ކަމެކެވެ.

"މިސާ"އަކީ ކުޑަކުދިންނާ ވެސް ގުޅޭ ގޮތަށް ފަރުމާ ކުރެވިފައިވާ ރޮބޮޓެކެވެ. އެގޮތުން ކުދިންނާއެކީ ކުޅެ ، އެކުދިންނަށް ކިޔަވައިދިނުމަކީ ވެސް މި ރޮބޮޓްގެ ސިފައެކެވެ.

މި ރޮބޮޓާއެކު ޔޫއޭއީގެ އެތައް ބައެއްގެ ދިރިއުޅުން ބަދަލުވާނެ ކަމަށް މީޑިއާތައް ބުނެއެވެ. އެގޮތުން ދަރީންނާއި އުމުރުން ދުވަސްވީ މީހުންނަށް މި ރޮބޮޓަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ. ހަމަމިއާއެކު އިންސާނީ ހިމާޔަތާއި ރައްކާތެރިކަން އަދި އޯގާތެރިކަމާއި ލޯބި އެންމެ ބޮޑަށް ބޭނުންވާ ބަޔަކީ ކުޑަކުދީންނާއި ދުވަސްވީ މީހުން ކަމަށްވީހިނދު "މިސާ"ގެ ސަބަބުން އެފަދަ މީހުންނަށް ނޭދެވޭ އަސަރު ކުރުމަކީ ވެސް ގާތް ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!