ޚަބަރު

ނުތާހިރު ބަދިގެ އެއް ބަލައި ފާސްކޮށް 15 ބިދޭސީން ހައްޔަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ނުތާހިރުކޮށް ހިންގަމުން އައި ބަދިގެއިން 15 ބިދޭސީއަކު ހައްޔަރުކޮށްފައިވޭ/ ފޮޓޯ: އިމިގްރޭޝަން

މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީންތަކެއް ހިންގަމުން އައި ބަދިގެ އެއް ބަލައި ފާސްކޮށް 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by Hajj Corporation

އިމިގްރޭޝަންގެ ރަސްމީ "އެކްސް'' އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އާދިއްތަ ދުވަހު ހ. ބިއަންކާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"އަދި މިތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި" އިމިގްރޭޝަންގެ ޕޯސްޓުގައި ބުންޏެވެ. އިމިގްރޭޝަނުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނަކީ ކާބޯތަކެތި ތައްޔާރުކުރުމުގެ އިތުރުން ކާބޯތަކެތި ޑެލިވަރީވެސް ކުރާ ތަނެކެވެ.

އެ ރެއިޑްގައި ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެފައިވާ ކަމަށާއި އެ ތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވައިދާ ހިލާފަށް ހިންގަމުން އަންނަ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަނުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. ބަލައިފާސްކުރާ ގިނަ ތަންތަނަކީ ކާާތަކެތި ތައްޔާރުކުރާ ތަންތަނެވެ. ފިހާރަތަކަށް ވިއްކާ ކާބޯތަކެތިވެސް އެތަންތަނުގައި ތައްޔާރުކުރެ އެވެ. އެގޮތަށް ފެންނަ ތަކެތީގެ ފޮޓޯ ހިއްސާކޮށް ކާތަކެތި ގަންނައިރު ސަމާލުވާން އިމިގްރޭޝަނުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ 2 އަހަރެއްގެ ތެރޭގައި ހައްލު ކުރުމަށެވެ. އެކަން ކުރުމަށްޓަކައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށާފައިވެ އެވެ.

ދާދި ފަހުން ވަޒީފާގެ ގާނޫނަށް ގެނައި އިސްލާހާ އެކު ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށްވެސް ގާނޫނުން ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!