ޚަބަރު އިޖުތިމާޢީ

ގަވާއިދާ ހިލާފު އުޅަނދުތައް ގަވާއިދަށް ފައްތަން އާންމުކޮށް އަންގައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާފަންނުގައި އޮންނަ ޕާކިންްގް ޒޯނެއް

މާލެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތައް ގަވާއިދަށް ފެއްތުމަށް އާންމުކޮށް އަންގައި އިއުލާނެއް ނެރެފި އެވެ.

Ads by Sosun Fihaara

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކު ކުރާ އުޅަނދުތަކާއި އެހެން ޒޯނުތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް "އޭ" ޒޯނުގައި ދުއްވާ ދުއްވުމާއި، ޕާކު ކުރުމާއި، ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ އުޅަނދުތައް ޕާކު ކުރަން ހުޅުމާލޭގެ ލޮޓު ނަމްބަރު 452 ބިމުގައި ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މި ބިން ހުންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާއިން މި އިންތިޒާމުތައް ހަމަޖެއްސީ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު މަޝްވަރާކޮށްގެންނެވެ.

ވެހިކަލްތައް ވަގުތީ ގޮތުން ޕާކު ކުރަން ހުޅުމާލެއިން ހަމަޖެއްސި ބިން

އުޅަނދުތައް ގަވާއިދަށް ފެއްތުމަށް ވުޒާރާއިން ވަކި މުއްދަތެއް ދީފައެއް ނުވެ އެވެ. އެހެންނަމަވެސް ވީ އެންމެ އަވަހަކަށް ގަވާއިދުގެ ތެރެއަށް ގެނައުމަށް އުޅަނދުތަކުގެ ވެރިންނަށް ވުޒާރާއިން ވަނީ އަންގައިފަ އެވެ.

މީގެ ކުރިން ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ހުޅުމާލޭގެ ޕާކިންގް ޒޯނަށް އުޅަނދުތައް ގެންދަން ދޭނީ 40 ދުވަހުގެ މުއްދަތެކެވެ. އަދި ހުޅުމާލޭގައި ވަގުތީ ޕާކިންގް ސްލޮޓު ހަމަޖެއްސީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން ގަވާއިދާ ހިލާފަށް ނުފެތޭނަމަ އުޅަނދުތައް އެޒޯނުން ނަގައި ފިޔަވަޅު އަޅަން ފަށާނީ 6 މަސް ދުވަހަށްފަހު ކަމަށް ބެލެވެ އެވެ.

އެހެންނަމަވެސް ގަވާއިދާ ހިލާފަށް ގެންގުޅޭ އުޅަނދުތައް ހުޅުމާލޭ ބިމުގައި ޕާކު ނުކޮށް މާލެ ސަރަހައްދުގައި ބޭނުން ކުރާނަމަ ގާނޫނާ ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އަންގައިފަ އެވެ.

Ads by Allied Insurance
  1. ދިވެހީންގެ ރާއްޖެ

    މާލޭގައި ރަޖިސްޓްރީކޮށްދެނީ ގަރާޖެއް(ބިމުގެ ޖާގަ) ހުރެގެން. ހުޅުމާލޭގައި ފްލެޓްތަކަށް ރަޖިސްޓްރީކޮށްދީފައިވަނީ ކޮން ހަމައަކުން.