ރާއްޖޭގެ ބޯޑަރު ބަންދުކުރާކަށް ނޫޅޭ: ސަރުކާރު
ރާއްޖޭގެ ބޮޑަރު ބަންދުކުރަން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ހަބަރުތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރާކަމަށް ބުނެ ވަކި މީޑިއާއަކުން މިއަދު ފަތުރާފައިވަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
މަބްރޫކު ވިދާޅުވީ ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އެތައް ދިވެހިން ތިއްބާ ރާއްޖޭގެ ބޯޑަރު ބަންދު ކުރާކަމަށް ހަބަރު ފެތުރުމުން އެތައް ބަޔަކަށް ހާސްކަން ކުރިމަތިވެފައިވާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ ރާއްޖޭގެ ހާލަތު ހުރި ގޮތުން އަދި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާ ބައްދަލްކުރައްވާފައެވެ. މި ބައްދަލްވުމުގައި ބައިވެރިވި ބޭފުޅުން ވަނީ މިއީ ރާއްޖޭގެ ބޯޑާ ބަންދު ކުރަންޖެހޭ ވަގުތު ކަމަށް ވިދާޅުވެފައިވާ ކަމަށާއި އަދި ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާއިރު މިއީ ފަތުރުވެރިން އައުން ހުއްޓާލަން ޖެހޭ ވަގުތު ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް ވެއެވެ.