ޚަބަރު ސަރުކާރު

އަގްސާ މިސްކިތުގައި ޔަހޫދީން ފައްޅިއެއް އަޅަން ގޮވާލުން ރާއްޖެއިން ކުށްވެރިކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އަގްސާ މިސްކިތް މަތިން ނަގާފައިވާ ފޮޓޯއެއް

މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތްކަމުގައިވާ މަސްޖިދުލް އަގްސާ ތެރޭގައި ފައްޅިއެއް އެޅުމަށް އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރު ދެއްކެވި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

Ads by MWSC

އެކަން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން އެފެއާޒް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަގްސާ މިސްކިތަކީ 1.8 ބިލިއަން މުސްލިމުންނަށް ތާރީހީ ގޮތުންނާއި ދީނީ ގޮތުން މުހިންމު ތަނެއް ކަމަށެވެ. އަދި އަގްސާ މިސްކިތަކީ އަޅުކަން އަދާކުރުމަށް ބޭނުންކުރާ މިސްކިތެއްގެ އިތުރުން އިސްލާމީ ތަރިކައެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ މުޖުތަމައުން އެކަން އެގޮތަށް ވިޔަ ނުދިނުމަށް މަސައްކަތްކޮށް، ގުދުސްގެ ގާނޫނީ ދަރަޖައަށާއި ދީނީ ތަންތަނަށް ގެއްލުންނުވާނެކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނާއި އދ. ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަގްސާ މިސްކިތުގެ ތާރީހަށް އިހުތިރާމް ކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިޒްރޭލަށް ގޮވާލާފަ އެވެ.

އިޒްރޭލު ސަރުކާރުގެ އިސް ވެރިން ދައްކަމުންދާ ހަރުކަށި ވާހަކަތަކުގެ ސަބަބުން ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ ސަރަހައްދުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގުދުސްއާއި އެތަނުގެ މާތް ތަންތަނުގެ ގާނޫނީ ކަންކަން ބަދަލުވެދާނެ ފަދަ ފިޔަވަޅު އެޅުން ހުއްޓުވުމަށް ބައިނަލްވާމީ ގޮތުން މުޖުތަމައަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!