އެމްއޭސީއެލްގެ ފިއުލް ސާވިސަސްއިން އިން ހައުސް ތަމްރީނުތައް ފަށައިފި
މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ފިއުލް ސަވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި އެވެ.
އެ ތަމްރީނާ ގުޅިގެން އެމްއޭސީއެލްއިން މިއަދު ބުނީ އެއީ އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތާއި ހުނަރު އުނގަންނައިދިނުމަށް ރޭވިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.
އެގޮތުން ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައިވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށް ކަމަށާއި ޑިޕޯ އޮޕަރޭޝަންސް އަދި މެއިންޓެނަންސް ދާއިރާތަކުގެ ތަމްރީންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެމްއޭސީއެލުން ބުނީ އެ ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެއް ކަމަށާއި މިހާރު ކުރިއަށް ގެންދަނީ އެ ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.
އެމްއޭސީއެލުން ބުނީ އެ ތަމްރީންތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ވީއައިއޭގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތައް ބައްޓަން ކުރެވިގެން ކުރިއަށްގެންދާ ތަމްރީންތަކަކަށް ވެގެންދާނެ ކަމަށެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ އެއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް މެނޭޖްމެންޓުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް ޕްރޮގްރާމް ކަމަށެވެ.