ހަންޓާ ވައިރަސް ޖެހިގެން ޗައިނާގައި މީހަކު މަރުވެއްޖެ
ކޯވިޑް 19 ވައިރަސް ، ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާތީ ދުނިޔެ ބިރުވެެރިކަމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގައި ޗައިނާއިން ހަންޓާ ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެއެވެ.
ކޯވިޑް 19 ވެސް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގައެވެ. ޗައިނާއިން މިވައިރަސް ޖެހިގެން އެތައް ހާސް މީހުންނެއް މަރުވެފައިވާއިރު، އެގައުމުގެ ސަރުކާރުން ހަންޓާ ވައިރަސް ޖެހިގެން މީހަކު މަރުވިކަން މިއަދު އިއުލާން ކުރުމުން ޗައިނާ ރައްޔިތުން ވަނީ ވަރަށް ބޮޑު ހާސް ކަމެއްގެ ތެރެއަށްވެއްޓިފައެވެ.
ޗައިނާގެ މީޑިއާތައް ރިޕޯޓްކޮަށްފައިވާ ގޮތުގައި ޔުނާން ޕްރޮވިންސުން ޔަންގްޑޮން ޕްރޮވިންސަށް ކުރި ބަސް ދަތުރެއްގައި އިއްޔެ މަރުވި މީހާ ، ހަންޓާ ވައިރަހަށް ޓެސްޓް ކުރުމުން ޕޮސިޓިވް ވެފައިވާ ކަމަަށެވެ.އަދި އެބަހުގައި ތިބި 13 މީހުން ވެސް ހަންޓާއަށް ޓެސްޓް ކޮށްފައިވާކަމަަަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެމީހުންގެ ނަތީޖާއެއް މީޑިއާ އިން އާންމުކޮށްފައެއް ނުވެއެވެ.
ކޯވިޑް 19 އާއި ހިލާފް ހަންޓާ ވައިރަހަކީ އަލަށް ފެނުނު ވައިރަހެއް ނޫނެވެ. ހަންޓާ ވައިރަހަކީ މީގެ ވަރަށް ގިނަ އަހަރުތަކެއް ކުރިން ދުނިޔޭގެ އެކި ހިސާބުތަކުން ފެނިފައިވާ ވައިރަހެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަންޓާ ވައިރަސް ފުރަތަމަ ފެތުރުނީ 1951 އަހަރުން ފެށިގެން 1953 ވަނަ އަހަރާއި ހަމައަށެވެ. އެ މުއްދަތުގެ ތެރޭގައި މިބަލި ވަނީ 3000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ.
މި ވައިރަހަށް ހަންޓާ ވައިރަސް ކިޔުނީ، އެބަލި ފުރަތަމަ ފެނުނު ހިސާބުގައި ހުންނަ ހަންޓާ ރިވަރ އާ ގުޅުވައިގެންނެވެ. ހަންޓާ ވައިރަހަކީ މީދަލާއި ހިކަނދީގެ ސަބަބުން ޖެހޭ ބައްޔެކެވެ. މީދަލާއި ހިކަނދީގެ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާތަކެތީގައި ނުވަތަ އެ އެއްޗެހި އުޅޭ ހޮރުގައި އަތްލާފައި ރަނގަޅަށް އަތްނުދޮވެ ލޮލާއި ނޭފަތާއި އަނގަ ފަދަ ތަންތަނުގައި އަތް ލުމުން މި ވައިރަސް ޖެހުމުގެ ފުރުސަތު އޮވެއެވެ.
2012 ވަނަ އަހަރު ޔޫކޭއިން ވަނީ ހަންޓާ ވައިރަހަށް ޕޮޒިޓިވް 10 މީހުން ފެނިފައެވެ. މި ބަލީގެ އަލާމާތްތައް ފެންނަނީ މި ބަލި ހަށިގަނޑަށް ވަންނަތާ 5 ދުވަސް ފަހުންނެވެ.