ޓޫރިޒަމްގެ އެންމެ ޕީކް ސީޒަން ވިންޓާއަށް މިހާރުން ފެށިގެން އެއާޕޯޓް ތައްޔާރުވަނީ

ޓޫރިޒަމްގެ އެންމެ ޕީކް ސީޒަން ވިންޓާއަށް ގާތްގަނޑަކަށް ތިން މަސް ވެފައި ވަނިކޮށް މިހާރުން ފެށިގެން އެ ސީޒަނުގައި އަންނަ ޓޫރިސްޓުންނަށް އެންމެ ރަނގަޅު ހިދުމަތެއް ދެވޭނެ ގޮތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންތިޒާމުތައް ހަމަޖައްސަން މިހާރު ތައްޔާރުވާން ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ޕީކް ސީޒަނަށް ތައްޔާރުވާން ފެށުމުގެ ގޮތުން އެ ކުންފުނީގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޒަން (އެފް.އެމް.ޔޫ.ޑީ) އިން މިއަދު ޚާއްސަ އިވެންޓެއް ބޭއްވި އެވެ.
'ވިންޓަރ ޕްރެޕް ކިކްއޮފް 2024' ގެ ނަމުގައި ބޭއްވި އެ އިވެންޓްގެ މަގުސަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާ ހިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމް ކުރުން ކަމަށް ބުންޏެވެ.
އެ އިވެންޓު މެދުވެރިކޮށް ހިންގަން ފެށި ތައްޔާރީގައި އެންމެ ބޮޑު ސަމާލު ކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމު ކުރުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ގޮތުން މިހާރު ބޭނުން ކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫ ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށާއި ޓަރމިނަލް ރީތި ކުރުމަށް ވެސް ފެސިލިޓީސް މެނޭޖްމެންޓުން މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.
އިވެންޓުގައި ވާހަކަ ދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ އެފްއެމްޔޫޑީގެ އިވެންޓްއަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދާތީ ތައުރީފު ކުރެއްވި އެވެ.
އަދި އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ވިންޓާ ސީޒަނަށް މުޅި ދުނިޔޭން ވެސް އެންމެ ކާރޫބާރޫ ބޮޑުވާ އެއް އެއާޕޯޓުގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮތް އިރު ވިންޓާ ސީޒަން ފެށޭނީ ޑިސެމްބަރު މަހު ފަހުކޮޅަށެވެ. އަދި މާޗު މަހުގެ ނިޔަލަށް ސީޒަން ދެމިގެންދެ އެވެ.