ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދީފި
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާތަކަށް ދައްކަން ޖެހޭ ޖޫރިމަނާ ބައިބަޔަށް ބަހާލައިގެން ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމުގެ ފުރުސަތު ދީފި އެވެ.
ވަޒީފާއާބެހޭ ގާނޫނާއި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ފުރަތަމަ ފުރުސަތު ދިނީ ޖޫން މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.
އެފަހުން މިދިޔަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރު މުހުލަތެއް ދިނެވެ. އަދި އެ މުއްދަތު 24 ވަނަ ދުވަހާ ހަމައަށް އިތުރު ވެސް ކޮށްދިނެވެ.
ހޯމްލޭންޑް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100,000ރ އަށް ވުރެ މަދުން ދައްކަން ޖެހޭ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށެވެ.
އެ މުއްދަތުގެ ނިޔަލަށް ފައިސާ ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރާނެ ކަމަށެވެ. އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް، އާ ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށެވެ.
އިތުރަށް ބުނީ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅަމުންދާ ކަމަށެވެ.
"02 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ލިބޭނެ އެވެ،" މިނިސްޓްރީން ކުރި އިއުލާނުގައިވެ އެވެ.
މި އެއްބަސްވުމުގެ މުއްދަތާ އިތުރު މައުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ އެވެ. ކަމާ ގުޅުންހުރި އިތުރު މައުލޫމާތު ސާފުކުރުމަށް 1500 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ހޯމްލޭންޑް މިނިސްޓްރީން އެދެ އެވެ.
އެ މިނިސްޓްރީން ވަނީ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ނަމާއި އެ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ ތަފުސީލު ހިމެނޭ ލިސްޓެއް ޖުލައި މަހު އާންމުކޮށްފަ އެވެ.
ރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތައް 50،000ރ އިން ޖޫރިމަނާކުރާ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެންނަ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ތަސްދީގު ކުރައްވާފަ އެވެ.